Last Updated: May 3, 11:40
Saturday, May 3, 2025
ސިޔާސީ

މައުމޫނާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި

ޕީޕީއެމް ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދެކޮޅަށް އެޕާޓީގެ ޕާލަމެންޓްރޯ ގްރޫޕުގެ ތިން މެމްބަރަކު ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ކޯޓުން ބަލައިގެންފައި ވަނިކޮށް އަނބުރާ ގެންގޮސްފި އެވެ.

މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޕާޓީގެ ކޮމިޓީތައް ހިންގުން މައުމޫނުގެ ހުއްދައާ ނުލައި މަނާ ކުރި ކުރުން މައުމޫން އަނބުރާ ގެންދިޔުމުން ކަމަށް ކޯޓަށް މައްސަލަ ހުށައެޅި އެއް މެމްބަރު ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވިއެވެ.

"ކޮންމެވެސް ވަރެއްގެ ލުއިތަކެއް އެބަލިބޭ ކަންނޭނގެ. ޕާޓީގެ ރައީސް މައުމޫން ރޭގަ ވިދާޅުވެފަ އޮތްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ މިހާރު ދެން އެމަނިކުފާނު ޕާޓީގެ ގުނަވަންތައް ހުއްޓުވާފަ އޮތްއޮތުން ނިމުމަކަށް ގެނެސް ހުރިހާ ކަމެއް ދޫކޮށްލި ވާހަކަ. ކޮމެޓީތައް ކުރިއަށްގެންދަވަން ހުއްދަ ދެއްވި ވާހަކަ. އެހެންވެއްޖެއްޔާ އަޅުގަނޑުމެންނަކަށް ހިޔެއް ނުވޭ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން އިތުރަށް ކުރިއަށްގެންދިޔުމުގެ ބޭނުމެއް އޮތް ހެނެއް،" ޝާހިދު މައުލޫމާތު ދީފައިވެއެވެ.

ޝާހިދުގެ އިތުރުން ޕާޓީގެ ރައީސް މައުމޫނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދެވެ.

ކޯޓުގައި އެދިފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ޚިލާފަށް ޕާޓީގެ ރައީސް ބާރުގެ ބޭނުންކޮށް ޕާޓީގެ ގުނަވަންތައް ހުއްޓުވާފައި އޮތް އޮތުން ހުއްޓުވާ ދެއްވުމަށެވެ.