Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

މިސްކިތްތަކުގެ ހާޒިރީ ބެލުން ކައުންސިލުން ހުއްޓާލައިފި

އައްޑޫގެ މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރަމުން ދިޔަ ނަމަވެސް އެ މަަސައްކަތް މިހާރު ކައުންސިލުން މިހާރު ހުއްޓާލައިފި އެވެ.

ކުރިން އައްޑޫގެ މިސްކިތްތައް ބެލެހެއްޓުމާއި ދީނީ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމާއި ގަބުރުސްތާން ބެލެއްމުގެ އިތުރަށް ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދަން ހަވާލުކޮށްފައި އޮތީ ކައުންސިލާ އެވެ.

އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ މި ހުރިހާ ކަންކަމެއް އަލުން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެވެ.

އެހެންވެ މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ވެސް ބެލެހެއްޓުން ހުއްޓާލައި ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކައުންސިލްގެ ޤާނޫނީ މޭންޑޭޓަށް ބަދަލު އައުމާ ގުޅިގެން ކައުންސިލް އިދާރާގައި މިވަގުތު އިންސާނީ އަދި މާލީ ވަޞީލަތް ވަރަށްބޮޑަށް ކުޑަކުރެވިފައި އޮތް ވަގުތެއްގައި މިކަންކަމުގެ ޒިންމާ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އޮތުމުން، އައްޑޫ ސިޓީ ކައުންސިލްއަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"މިކަން ކަމަކީ އައްޑޫ ސިޓީ ކައުންސިލްއިން ކުރަން ޖެހޭ ކަންކަން ކަމަށްނުވިއަސް، އައްޑޫ ސިޓީގައި މިކަންކަން އިންތިޒާމް ކުރާނެ ފަރާތެއް ނެތި އޮތުމުން، އައްޑޫ ސިޓީ ކައުންސިލްގެ ފޯރުންތެރިކަން ހުރި މިންވަރުން ކައުންސިލް އިދާރާއިން މި ކަންކަމުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދެވޭތޯ މަސައްކަތް ކުރެވެއެވެ. ނަމަވެސް، މި ދާއިރާތަކުން އައްޑޫ ސިޓީގެ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުލިބޭތީ އައްޑޫސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވެއެވެ." ބަޔާނުގައިވެ އެވެ. "ވަކިން ޚާއްސަގޮތެއްގައި މިސްކިތްތައް ސާފުކުރުމާއި މަރާމާތަށް ޖެނުއަރީ މަހުން ފެށިގެން މިއަދާއި ހަމައަށް އައި އިރު އައްޑޫ ސިޓީގެ އެއްވެސް މިސްކިތަކަށް އެއްވެސް ޚަރަދެއް ސަރުކާރުން ކުރައްވާފައި ނެތުމަކީ އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.

"މިހެން މިކަންކަން އޮވެ މިކަންކަމަށް އެދެވޭ ޙައްލެއް ނުލިބި، އައްޑޫ ސިޓީ ކައުންސިލްގެ މެންޑޭޓްގައި ނުހިމެނޭ ކަންތައްތަކެއް އައްޑޫ ސިޓީގައި އެކަންކަމުގެ އިންތިޒާމް ފުރިހަމަކޮށް ހިންގާނެ ފަރާތެއް އޮޅުން ނުފިލައި ޒިންމާތައް އައްޑޫ ސިޓީ ކައުންސިލާއި މަތިވެފައިވާކަމަށް ރައްޔިތުންނަށް އިޙްސާސްވާފަދަ ބީދައަކުން އޮތުމާއެކު، ޖުލައި 15، 2016 ވަނަ ދުވަހުގެ ކުރިން މިކަމަށް އެކަށީގެންވާ ޙައްލެއް ނުހޯދިއްޖެ ނަމަ މިކަންކަމާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން، އެ ތާރީޚުގެ ފަހުން އެއްވެސް ޒިންމާއެއް ނުއުފުލާނެ ވާހަކަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އާއި ލޯކަލް ގަވރަންމެންޓް އޮތޯރިޓީއަށް ކޮޕީކޮށް ދެންނެވިފައި ވެ އެވެ." ބަޔާނުގައިވެ އެވެ.

ކައުންސިލުން އަދި ބުނީ ޖަނުއަރީ 1، 2016 އިން ފެށިގެން މިއަދާ ހަމައަށް އައި އިރު އައްޑޫ ސިޓީގެ މިސްކިތްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓޭނެ އިންތިޒާމް ހަމަނުޖެހި އޮތުމާއި އައްޑޫ ސިޓީގެ އެއްވެސް މިސްކިތަކަށް މިސްކިތް ސާފުކުރުމަށް ބޭނުންވާ އެއްވެސް އެއްޗެއް ލިބިފައި ނެތް ކަމަށެވެ.

"އެއްވެސް މިސްކިތަކަށް މަރާމާތަށް އެއްވެސް ކަމެއް ކުރެވިފައި ނެތް ހާލަތުގައި އައްޑޫސިޓީ ކައުންސިލްގެ މެންޑޭޓްގައި ނުހިމެނޭ ކަންތައްތަކެއް އައްޑޫ ސިޓީގައި އެކަންކަމުގެ ޒިންމާނަގައި ހިންގާ ފަރާތަކީ އައްޑޫ ސިޓީ ކައުންސިލް ކަމަށް ރައްޔިތުންނަށް އިޙްސާސްވާފަދަ ބީދައަކުން އޮތުމާއެކު، މިކަމަށް އެދެވޭ ހައްލެއް ހޯދޭތޯ ސިޓީ ކައުންސިލުން މިހާތަނަށް ކުރި މަސައްކަތުން ހައްލު ނުހޯދި މިކަން ކަން ބޮއްސުންލައިގެން ގޮސްފައިވާތީ 17 ޖުލައި 2016 އިން ފެށިގެން އައްޑޫސިޓީގެ މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެޓުން އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ހުއްޓާލަން ނިންމި ވާހަކަ އައްޑޫސިޓީގެ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާޤިރު ޤާނޫނު އަސާސީގެ 16، 17، 18، 20، 62، މާއްދާތަކާ ކަނޑައެޅިގެން ޚިލާފަށް އައްޑޫ ސިޓީގެ ރައްޔިތުންނާ މެދު އިހުމާލު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެހެންވެ އައްޑޫ ރައްޔިތުންގެ ނަމުގައި ހަރުކަށި ޢިބާރާތުން އެކަން ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާން ވެގެންވާ ހަމަތަކާ އެއްގޮތަށް އައްޑޫސިޓީގެ ރައްޔިތުންނަށް ހައްޤު މިންވަރު ފޯރުކޮށް ދެއްވުމުގައި ފަސްޖެހި ވަޑައި ނުގަތުމަށް އަދުގެ ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.