Last Updated: May 10, 14:48
Friday, May 10, 2024
ޚަބަރު

ބަހުގެ ހިދުމަތް ހަފުތާއަކަށް ހިލޭ

އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް ރޭ އިފުތިތާހުކޮށްފައިވާ އިރު، މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ބަހިގެ ހިދުމަތް ހިލޭ ދޭ ގޮތަށް ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ނައިބް ރައީސް އަބްދުﷲ ޖިހާދެވެ. އެ މަނިކުފާނު ވިދާޅުވީ ބަހިގެ ހިދުމަތް ހަފުތާއަކަށް ހިލޭ ދޭން ނިންނި ނިންމުމަކީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ.

ޖިހާދު ވިދާޅުވީ ބަހުގެ އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން އެއާޕޯޓް މިހާރު ތަރައްގީކޮށް ނިމެމުން އަންނަ އިރު، އައްޑޫގައި ޓޫރިސްޓް އެނދު އިތުރު ކުރަން ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

ނައިބް ރައީސް އެގޮތަށް ވިދާޅުވި އިރު އިސްމެހެލާހަރައިގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން މިދިޔަ އަހަރު އިފުތިތާހު ކުރި މަޝްރޫއު ވެސް ކުރިއަށް ނުދާކަން ފާހަގަ ކުރެ އެވެ.

އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ޖުނައިދި ރޭ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރާނީ ދެމަހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުން ކަމަށެވެ.

އެގޮތުން އައްޑޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަހުގެ ހިދުމަތް ދުވަހުން ދުވަހަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި ވަރަށް އަވަހަށް އައްޑު އާއި ފުވައްމުލަކާ ދެމެދު އޭސީ ފެރީއެއްގެ ހިދުމަތް ވެސް ފަށާނެ ކަމަށެވެ.

އަދި މުދާ އުފުލާނެ އިންތިޒާމުތަކެއް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ހުޅުމީދު އަށް ދޭ ފެރީެ ހިދުމަތުގެ ތެރެއިން ސައިކަލް އުފުލޭ ގޮތް ވެސް ވަަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

ބަހުގެ ހިދުމަތް މިއަދުން ފެށިގެން ދޭން އިރު، އައްޑޫގައި 11 ބަސް އަދި ފުވައްމުލަކުގައި ޒަމާނީ ދެ ބަސް ބޭނުން ކުރާނެ އެވެ.