އައްޑޫ ސިޓީގެ ހުޅުމީދު އަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އަވަށަށް ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 11:00 އިން ފެށިގެން އެ އަވަށުގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓް ކެނޑެމުންނެވެ.
ހުޅުމީދޫ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑެން ދިމާވީ އިންޖީނުގޭގެ ޕެނަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
"އެއް އިންޖީނު މި ގުތުވެސް ހުރީ މަރާމާތަށް ރޫޅާލާފައި. އެެހެން ހުއްޓާ ޕެނަލް އަށް ދިމާވި މައްސަލައަކާ ގުޅިގެން ދެވަނަ އިންޖީނު ނިއްވާލަން ޖެހުނީ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓް ކެނޑުމުގެ މައްސަލަ އާ ގުޅިގެން އެކަން ހައްލު ކުރުމަށް މަރުކަޒީ އިންޖީނުގޭގެ އިންޖިނިއަރަކު ވެސް ވަނީ ހުޅުމީދު އަށް ގޮސްފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެމުންދާ ކަމަށް އޮފިޝަލް ބުންޏެވެ. ނަމަވެސް މުޅި އަވަށަށް ކަރަންޓް ދެވޭނެ އިރެއް ބުނަން ނޭގޭ ކަމަށް އޮފިޝަލް ބުންޏެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މިވަގުތު ކަރަންޓް ދީފައި ވަނީ ސިއްހީ މަރުކަޒަށާއި ސްކޫލްތަކާއި އަވަށު އޮފީސްތަކަށެވެ.
މިދިޔަ އަހަރު ޑިސެމްބަރު 27 ވަނަ ދުވަހުން ފެށިގެން އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ތިން އިންޖީނަކަށް ދިމާވި މައްސަލަތަކާ ގުޅިގެން ގުޅިފައިވާ ހަތަރު ރަށުން ވަނީ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެފަ އެވެ.
އަދި އެކަމާ ހެދި އާއްމުންގެ ފާޑިކިއުންތައް ވަނީ ސަދަން ޔޫޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަނަށް އަމާޒުވެފަ އެވެ.