Last Updated: June 27, 09:20
Saturday, June 27, 2026
ސިޔާސީ

ތަރައްގީ އަށް އެއްބާރުލުން ދޭނަން: އިބްރާހިމްދީ

އައްޑޫގެ ތަރައްޤީ އަށް ކުރާ ކޮންމެ ކަމެއްގައި ބައިވެރިވެ، އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، ފޭދޫ ބަނދަރު ސަރހައްދުގައި ބޭއްވި ދެކުނު ދަތުރުފަތުރުގެ ނިޒާމް އިފްތިތާހް ކުރުމަށް ސަރުކާރުން ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގަތުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑު ކިޔުން އަމާޒްވެފައި ވަނިކޮށް އިބްރާހިމްދީދީ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަންކަމަށް ފުރިހަމަ އެއްބާރުލުން އަބަދު ވެސް ދޭނެ ކަމަށެވެ.

"އަޅުގަނޑަކީ ރައްޔިތުންނަށް ހިދްމަތް ކުރަން ހުރި މީހެއް، ސީދާ ރައްޔިތުންނަށް ފައިދާ ލިބޭ ކަންކަން ފަހި ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. އެކަމަށް އެއްބާރުލުން ދޭނަން،" އިބްރާހިމްދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމްގެ އިފްތިތާހް ކުރުމުގެ ހަލްފާގައި ބައިވެރިވީ، އެކަމަކީ ސީދާ ދާއިރާގެ ރައްޔިތުންނާއި، ޖުމްލަކޮށް މުޅި އައްޑޫ ފުވައްމުލަކުގެ ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމަކަށްވާތީ، އެކަމަށް އަބަދު ވެސް ވަކާލާތު ކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ.

"އަޅުގަނޑު ނުދަން ށ. އަތޮޅުގައި ޕީޕީއެމުން ބޭއްވި ހަފްލާއަކަށް، އަޅުގަނޑު ދިޔައީ އައްޑޫގެ ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ހިދްމަތެއް އިފްތިތާހް ކުރުމަށް ބޭއްވި ދައުލަތުގެ ހަފްލާއަކަށް، ބަޔަކު ސިޔާސީ ކުރިއަސް އެއީ އަޅުގަނޑު ވިސްނާ ކަމެއް ނޫން،" އިބްރާހީމްދީ ވިދާޅުވި އެވެ. "އެތަނުގައި ހިދްމަތް ފަށަން ހުރި ތަކެއްޗަކީ އަހަރެމެން ރައްޔިތުންގެ އެއްޗެހި. އެއީ ވަކި ޕާޓީއެއްގެ އެއްޗެއް ނޫން. އަހަރެންނަކީ ރައްޔިތުންގެ މަންދޫބެއް،"

ދަތުރުފަތުރުގެ ނިޒާމް އިފްތިތާހް ކުރުމުގެ ހަފްލާގައި އިބްރާހިމްދީދީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޔަސްރިފާއި އިބްރާހިމްދީދީ މި ހަފްލާގައި ބައިވެރިވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މި ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.