Last Updated: May 19, 10:40
Sunday, May 19, 2024
ޚަބަރު

ހިތަދޫގެ އެކި ސަރަހައްދުތަކުން ރަށުތެރެ އަށް ލޮނު އަރަނީ!

ހިތަދޫ ޒިޔާރަތްފަންނު މަގުގައި ލޮނުވަދެފައި.

ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި ފެން ހިއްދަން ހަދާފައިވާ ބައެއް ކާނުތަކުން ރަށުތެރެ އަށް ލޮނު އަރައިފި އެވެ.

ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި ލޮނުގަނޑު ރަށުތެރެ އަށް އަރައި އެ މަގުތަކުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ދަތުރު ކުރުމަަށް ބުރޫ އަރަމުން ދާ އިރު މިކަން ހައްލު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.

މިކަމާ ގުޅިގެން "އައްޑޫ ލައިވް"އިން ހައުސިން މިނިސްޓްރީގެ އެކިއެކި ވެރިންނަށް ގުޅުމުން ވެސް މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް ނުދެވެ އެވެ.

އެ ބޭފުޅުންގެ ޖަވާބަކީ "ބަލަމުން އަންނަ" ކަމަށެވެ.

ފެނަކަ އޮފީސް ހުންނަ މަގުގައި މިއަދު ދިޔަވަރު ބޮޑުވި އިރު ވަދެފައިވާ ލޮނުގަނޑު: ފޮޓޯ: އައްޑޫލައިވް
ފެނަކަ އޮފީސް ހުންނަ މަގުގައި މިއަދު ދިޔަވަރު ބޮޑުވި އިރު ވަދެފައިވާ ލޮނުގަނޑު: ފޮޓޯ: އައްޑޫލައިވް

ހިތަދޫ ޒިޔާރަތްފަންނު މަގާއި، ޒިކްރާ މިސްކިތަށްދާން އޮންނަ މަގުގެ އިތުރުން ފެނަކަ ހިރަދޫ އޮފީސް ހުންނަ މަގާއި، ލިލީ މަގުން ލޮނުގަނޑު ރަށުތެރެ އަށް އަރަމުން އަންނަ އިރު ބައެއް ވެހިކަލްތައް ދުއްވާ ފަރާތްތަކުން ލޮނުގަޑުގެ ތެރެއިން ވިސްނުމަކާއި ނުލައި ދަނީ ދުއްވަމުންނެވެ.

މީގެ ސަބަބުން އާއްމު ރައްޔިތުންގެ އަގުބޮޑު ވެހިކަލްތައް ދަބަރަށް ވަމުން އަންނަ އިރު، މިއަދު ހައުސިން މިނިސްޓްރީގެ ވެރިންނާއި، ކަމާއި ބެހޭ ބައެއް ބޭފުޅުން ހިމެނޭ "ވައިބަ" ގްރޫޕެއްގައި މި މައްސަލަ ވަނީ ހޫނު ވެފަ އެވެ.

މި މައްސަލަ ހައުސިން މިނިސްޓްރީން، އެމްއާރްޑީސީގެ ބޮލަށް ކަނޑަމުން ދާ އިރު މިކަން ހައްލު ކުރުމަށް ބޭނުންވާ ސާމާން އެމްއާރްޑީސީ އާ ހަވާލުކޮށްފައެއް ނުވެ އެވެ.