Last Updated: April 29, 22:11
Tuesday, April 30, 2024
ޚަބަރު

ރެހެންދި އިން ނައިބު ރައީސަށް ދެ ފުލެޓް

ނައިބު ރައީސް ދިރިއުޅުއްވުމަށް ރެހެންދި އިމާރާތުން ދެ ފުލެޓު ދީފިއެވެ. ރެހެނދި އިމާރާތަކީ އަމިއްލަ ފަރާތަކުން ހެދި އިމާރާތަކަށް ވިނަމަވެސް ސަރުކާރަށް އެ އިމާރާތުން 10 ފުލެޓު ލިބިފައިވެއެވެ.

ނައިބު ރައީސުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ރެހެނދި އިމާރާތުގެ ބާކީ ދެ ފުލެޓު ހަމަޖެހިފައިވާއިރު އެތަނަށް ނައިބުރައީސް އަދި ބަދަލުވެފައިވާކަން ކަށަވަރެއް ނުވެ އެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު ރިޔާސީ ގެކޮޅުގެ ގޮތުގައި ދިރިއުޅުއްވާފައިވަނީ މުލީއާގޭގައެވެ. އެމަނިކުފާނުގެ އޭރުގެ ނައިބު ރައީސް ދިރިއުޅުއްވީ ހިލާލީ ގޭގައެވެ. އަދި ރައީސް ކަމަށް ވަޑައިގެންވެސް އެމަނިކުފާނު ދިރިއުޅުއްވީ ހިލާލީގޭގައެވެ.

ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޑރ.ޖަމީލް މަގާމާއި ހަވާލުވެގެން ދިރިއުޅުއްވީވެސް ހިލާލީ ގޭގައެވެ. ނަމަވެސް އެމަނިކުފާނު ވަކިކުރުމަށް ފަހު ދެން މަގާމަށް އައި އަހްމަދު އަދީބު ދިރިއުޅުއްވީ އެމަނިކުފާނުގެ އަމިއްލަ އެޕާޓުމަންޓުގައެވެ.

ހިލާލީ ގޭގައި މިހާރު ދިރިއުޅުއްވަނީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީނެވެ. މުލީއާގެ ސަރުކާރުގެ އިސް ބޭފުޅުން ބޭނުން ކުރެއްވި ނަމަވެސް އެ ގެކޮޅު ބޭނުން ކުރައްވަނީ މިހާރު ފަސްޓް ލޭޑީއެވެ.

އާ ނައިބު ރައީސަށް ސަރުކާރުގެ ޚަރަދުގައި ދެ ފުލެޓު ހަމަޖައްސަވާފައިވާއިރު އެމަނިކުފާނަށް ހުރަވީ ބިލްޑިންގ އިން ނައިބު ރައީސްގެ މަސައްކަތަށް ޚާއްސަ އޮފީހެއްވެސް ވަނީ ހަދާފައެވެ. ނަމަވެސް އެތަނުގެ ބޭނުން ނުކުރައްވައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގައެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ގިނަ ދުވަސްތަކެއް ވަންދެން ނައިބު ރައީސްގެ މަގާމު ހުއްސަށް އޮންނަވަނިކޮށް ނައިބު ރައީސްގެ ގޮތުގައި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހަމަޖައްސަވައި އިއްޔެ އެމަނިކުފާނަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ. ޖިހާދަކީ ރައީސް ޔާމީނުގެ ތިން އަހަރުގެ ވެރިކަމުގައި ހަމަޖެހުނު ތިންވަނަ ނައިބު ރައީސެވެ.