Last Updated: June 12, 06:38
Friday, June 12, 2026
ވިޔަފާރި

ލަގާން އާއި ހޯގާޑްގެ ޕްރޮޕޯސަލްތައް އަދިވެސް އިވެލުއޭޝަންގައި

އެއާޕޯޓްގެ ޓާމިނަލްގެ ބޭރުގައި ދެ މުވައްޒަފަކު މަޑުކޮށްލައިގެން. ފޮޓޯ/ އައްޑު ލައިވް

ރާއްޖޭގެ ދެވަނަ ބައިނަލްއަގްވާމީ އެއާޕޯޓް ކަމަށްވާ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅި ދެ ކުންފުނީގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެކަމަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއަައިއޭ) އިން ބުނެފި އެވެ.

ކޮންޓްރެކްޓަ ފައިނޭންސްގެ ދަށުން ގަން އެއާޕޯޓް ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އިނގިރޭސި ވިލާތުގެ ލަގާން އާއި ޑެންމާކްގެ ހޯގާޑުންނެވެ. އޭއައިއޭ އިން ކުރިން ބުނީ އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިންމައި މި މަހުގެ ތެރޭގައި ކުންފުންޏަކާ އެކު ސޮއިކުރެވޭނެ ކަމަށެވެ.

އޭއައިއޭގެ އިތުރުން އެސްޓީއޯގެ ވެސް މެނެޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ދެ ކުންފުނީގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން ޓެކްނިކަލް ފައިނޭންސް އިވެލުއޭޝަނަށް ބޭނުންވާ ތަފުސީލީ މައުލޫމާތުތަކެއް ބޭނުންވާތީ އެ ފަރާތްތަކަށް ފައިސާ ދޫކުރާ ބޭންކްތަކުން ބޭނުންވާ އިތުރު ތަފްސީލުތަކެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އިވެލުއޭޝަނުގެ މަސައްކަތް އެއްކޮށް ނިންމާލައި، ކުންފުންޏަކާ އެކު ސޮއިކުރެވޭނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.