މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެއް އަހަރު ފުރުނު، އައިޝްވާރިއާ ރާއީ އާއި އަބީޝެކް ބައްޗަންގެ ދަރިފުުޅު އާރަދިއާ ބައްޗަން މިހާރު އަމިއްލަ އަށް އައިޕެޑާއި ޓީވީ އާ ކުޅޭ ކަމަށް ބުނެ އެކަމާ އުފާކޮށް، ފަހުރުވެރިވެ ކާފަ އަދި ސްޕަސްޓާ އަމީތާބް ބައްޗަން ބްލޮގްކޮށްފި އެވެ.
އަމީތާބުގެ ބްލޮގްގައި އޭނާ ބުނެފައި ވަނީ ކާފަ ދަރިފުޅު އާރަދިޔާ މިހާރު އަމިއްލަ އަށް އައިޕެޑް އޮންކޮށް، އޭނާގެ ފެވަރިޓް ނާސަރީ ރައިމްސް ކުޅޭ ކަމަށެވެ. އަދި އާރަދިއާ ރިމޯޓުން ޓީވީ ވެސް ހުޅުވާ ކަމަށް އަމީތާބް ބުންޏެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ މި ޒަމާނުގެ ކުދިންނަކީ ކަންކަމަށް ވަރަށް ގާބިލް އަދި ޒަމާނީ ވަސީލަތްތަކާ ކުޅެން އެނގޭ ހުނަރުވެރި ކުދިންތަކެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ އަށް ތުއްތުތުއްތު ކުދިން ވެސް އަހުލުވެރިވުމަކީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށް އަމީތާބް ބުންޏެވެ.
އަމީތާބް އަދި ބުނެފައި ވަނީ އޭނާގެ ޖެނަރެޝޭނުގެ މީހުންނަށް މިހާރު މި ގެންގުޅޭ ކަހަލަ ތަފާތު ބާވަތްތަކުގެ ގެޖެޓްތައް ކުޅެން ނުލިބުމަކީ "ލަދުވެތި" ކަމެެއް ކަމަށެވެ.
އާރަދިއާގެ އިތުރުން ވެސް އަމީތާބަށް ކާފަ ކިޔާ ދެ ކުދިން އެބަ ތިއްބެވެ. އެއީ އޭނާގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ނަވިއާ ނަވޭލީ އާއި އަގަސްޓިއާ އެވެ.