އިންޑިޔާގެ އައްސާމް ސްޓޭޓުގައި މެދުކެނޑުމެއްނެތި ވެހެމުންދާ ވާރޭގައި އެތައް ސަތޭކަ ރަށްތައް ފެނުގެ ތެރޭގައި ވެ ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 1.6 މިލިޔަނަށް އަރައިފި އެވެ.
ދަނޑުބިންތައް ހަލާކުވެ، ގައުމީ ޕާކުވެސް ފެނުގެ ތެރޭގައި އަޑިއަށް ދާއިރު ވަލުތެރޭގައި އުޅޭ ޖަނަވާރުތައްވެސް ފެނުން ސަލާމަތްވުމަށް މަގުތަކަށް އަރާފައިވެ އެވެ.
އިންޑިޔާގައި މިފަދަ ކާރިސާއެއް ފާއިތުވިތާ 4 އަހަރު ފަހުން އަނެއްކާވެސް އެފަދަ ދުވަސްވަރަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ކުރިއަށް އޮތް 48 ގަޑިއިރުގައިވެސް ވާރޭ ހުއްޓާނުލާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. ވާރޭގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އައްސާމްގެ އިރުމަތީ ސައިފަތް ދަނޑުތަކަށް ކަމަށް ޚަބަރު ލިބެއެވެ.
އަވައްޓެރި ނޭޕާލަށްވެސް އެހާމެ ބޯކޮށް ވާރޭ ވެހެމުން ދާއިރު ފާއިތުވި ދެ ދުވަސް ތެރޭގައި 58 މީހަކު މަރުވެފައިވާކަމަށް އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ފަހަކަށް އައިސް ކޮންމެ އަހަރެއްގައިވެސް ޖޫން އިން ސެޕްޓެމްބަރަށް އިންޑިޔާ އަދި ނޭޕާލުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ އެތައް ބަޔެއް މަރުވެ ދަނޑުބިންތައް ހަލާކުވެއެވެ.
"ހާލަތު ވަނީ އިއްޔެ އިން ފެށިގެން އިތުރަށް ގޯސްވެފައި. އެތައް މިލިޔަން ބަޔަކު ދަނީ ރެފިއުޖީ ކޭމްޕު ތަކަށް ބަދަލުވަމުން" އައްސާމްގެ ފެނާއި ބެހޭ ވަޒީރު ވަނީ ފެންބޮޑުވުމާ ބެހޭގޮތުން މީޑިޔާ އަށް މައުލޫމާތު ދެމުން ހިއްސާކޮށްފައެވެ.
ބްރަމްޕުތްރާ ނަމަކަށް ކިޔާ ކޯރު ބަންޑުންވެ އިންޑިޔާގެ 32 ހިސާބަށް ވަނީ ފެނުގެ އަސަރުކޮށް ދިރިނޫޅެވޭ ޙާލަތަށް ގޮސްފައެވެ. ސަލާމަތީ ގްރޫޕް ތަކުން ޚަބަރު ދޭގޮތުގައި 12 މީހަކުވަނީ ފެނުގައި ޣަރަގުވެގެން މިހާތަނަށް އެހިސާބުން މަރުވެފައެވެ.
ސްޓޭޓުގެ ޗީފް މިނިސްޓަރު ވަނީ ރައްޔިތުންނަށް ސާފު ބޯފެނާއި ކާނާ ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. ބަލިމަޑުކަމުން ސަލާމަތްވެ އިތުރު މީހުން މަރުވުމުގެ ކުރިން އޭނާގެ ގޮވާލުމަށް އިޖާބަދިނުމަށް ވަނީ އެދިފައެވެ.