Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އާދީއްތަ ވެސް ބަންދު

މިނިވަން ދުވަހުގެ މުނާސަބާތުތަކާއި ގުޅިގެން އަންނަ އާދީއްތަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ގިނައަދަދެއްގެ ތަފާތު ހަރަކާތްތަކެއް ހިންގައި، އެހަރަކާތްތަކުގައި މާލޭގެ ގިނަ ސުކޫލު ކުދިންނާއި ސަރުކާރު އެކި މުވައްސަސާގެ މުވައްޒިފުން ބައިވެރިވެފައިވާތީ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ކުރި ޓްވީޓެއްގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އާދީއްތަ ދުވަސް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް ބުނެފައިވެއެވެ.

ބަންދުކުރެއްވުމުގެ ސަބަބެއް ކަމުގައި މާލޭގައި ބާއްވާ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި، ސަރުކާރުގެ މުވައްޒިފުން ބައިވެރިވެފައިވާތީއާއި، މިނިވަން ދުވަހުގެ މުނާސަބާތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ނިމުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު 30 ވާ ހޮނިހިރު ދުވަހުރޭ ކަމަށް ވާތީއެވެ.

މާލޭގައި މިގޮތަށް ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބޮޑެތި ޚަރަދު ތަކެއް ކޮށްފައިވާއިރު އަތޮޅުތެރޭ ރަށްތަކުގައި އެއްވެސް ކަމެއް ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.