އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި ތިބި އިނގިރޭސި ޗެލްސީ އަދި ލިވަޕޫލް ކުޅުނު މެޗު ދިހަ ކުޅުންތެރިންނާއެކު ޗެލްސީ ކާމިޔާބުކޮށްފިއެވެ.
މެޗު ފެށިގެން ދިހަ މިނެޓުތެރޭ ޑިފެންޑަރު ކޭހިލް ވަނީ ކޯނަރުކުން ހުރަސް ކުރި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ލީޑު ނަގާފައެވެ.
ދެޓީމުވެސް ކުޅެން ނިކުމެފައިވަނީ އެކުވެރިކަމުގެ މެޗެއް ނަމަވެސް، މެޗު ފެށިގެން މަންޒަރުވަނީ ބަދަލުވެފައެވެ. ޑިފެންސަށް އިސްކަންދީ، ކައުންޓާގައި ދެޓީމުގެވެސް ވަނީ ވަރުގަދަ ކޮށްފައެވެ.
ފައުލްއާއި ކާޑުތައްވެސް ފެނިގެން ދިޔައީ އާންމުކޮށް އެކުވެރިކަމުގެ މެޗެއްގައި ނުފެނޭވަރަށެވެ. 6 ރީނދޫ ކާޑާއި ރަތް ކާޑެއްވެސް މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.

މެޗު ނިމެން 20 މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ އާ ކުޅުންތެރިޔާ ރަގްނާރ ކްލަވަން އަށް ފެބްރިގާސް ވަނީ ދެފައިން ޓެކުލް ކޮށްފައެވެ. ރެފްރީއަށް އެފަދަ ހާލަތެއްގައި ރަތް ކާޑު ނޫން އިތުރު އެއްވެސް ގޮތެއް ނެތުމުން ވަގުތުން ރަތް ކާޑު ދައްކާފައިވެއެވެ.
މެޗު ނިމިގެން ފެބްރިގާސް ވަނީ ލިވަޕޫލްގެ ޑްރެސިންގ ރޫމަށް ވަދެ އޭނާ ކުރި ފައުލަށް މައާފަށް އެދިފައެވެ. އަދި ޗެލްސީގެ ކޯޗުވެސް ވަނީ ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން މައާފަށް އެދިފައެވެ.