ސ. ފޭދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނު އުސޫލްތައް އާންމުކޮށް، ބުރާސްފަތި ދުވަހުގެ ރޭ ގުރުއަތުލުން ބާއްވަ ހަމަޖައްސާފައި ވަނިކޮށް، ހައުސިން ޔުނިޓްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅި އުސޫލާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި އިންސާފުން ވެސް އެއްކިބާވެ ތިބެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
މިކަމާ އިސްކޮށް އުޅޭ މީހަކު “އައްޑޫ ލައިވް” އާ ވާހަކަ ދައްކަމުން މިއަދު ބުނީ އޭސީސީ އަށް މައްސަލަ ހުށަހެޅީ 23 މީހުންގެ ސޮޔާ އެކު ކަމަށެވެ. މީގެ އިތުރުން މި މައްސަލަ ވަނީ ހައުސިން މިނިސްޓްރީ އަށް ވެސް ހުށަހަޅާފަ އެވެ.
އެނގިފައިވާ ގޮތުގައި އިވެލުއޭޝަން ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން މައްސަލަ ހުށަހަޅާ ފަރާތްތަކުން ވަނީ މީގައި ހުރި ފަސް މައްސަލައެއް ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް އެދި އާންމު ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ޕޮއިންޓް ދީފައިވާ ކަމަށް ފާހަގަކޮށްފައިވުމާއި މައުލޫމާތު ސައްހަތޯ އެންމެ ރަނގަޅަަށް ކަށަވަރުކޮށްފައި ނުވުމާއި އިވެލުއޭޝަން ކޮމިޓީގައި މަސްލަހަތު ހިމެނޭ މީހުން ބައިވެރި ކުރުން ފަދަ ކަންކަން ފާހަގަކޮށްފައިވެ އެވެ.
ފޭދޫގައި ހަދާފައިވާ 25 ހައުސިން ޔުނިޓަށް ދެ ފަަހަރެއްގެ މަތިން ކުރިމަތިލުމަށް އިއުލާން ކުރި އެވެ. އެގޮތުން 2011 ވަަނަ އަހަރުގެ ފަހުކޮޅު އިއުލާން ކުރުމުން 250 ފަރާތަކުން ކުރިމަތިލި އެވެ. އެ ފަހަރު ގުރުއަތަށް ހޮވުނީ 93 ފަރާތެކެވެ. އެގޮތުން މި މެއި 12، 2012 ގައި ގުރުލާން ނިންމާފައި ވަނިކޮށް ހައުސިން މިނިސްޓްރީ އަށް ބަޔަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ގުރުލުން މުއްދަތެއް ނެތް ގޮތަށް ފަސް ކުރި އެވެ.
އޭގެ ފަހުން ކުރިން ހުށަހެޅި ފޯމްތައް ބާތިލްކޮށް ޑިސެމްބަރު 9، 2012 ގައި އަލުން ކުރިމަތިލުމަށް ހުޅުވާލުމުން 339 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ. އެގޮތުން މިފަހަރު ގުރުއަތަށް ދަނީ 50 ޕޮއިންޓަށް ވުރެ މަތިން ލިބިގެން 224 މީހުން ކަމަށް އާންމު ކުރި ލިސްޓުން ދައްކަ އެވެ.