ގޯލްޑަން ފުޓްސަލް ޗެލެންޖް 2016 ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވެވޭ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްްޓޫބަރު މަހުގެ 15 ގައެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މުބާރާތުގައި ބައިވެރިވެވޭނީ އެއް ޓީމަށެވެ. އަދި އެޓީމަށް ކުޅެވޭނީ ހަމައެކަނި އެރަށުގެ ކުޅުންތެރިންކަމަށް މުބާރާތުގެ ކޯޑިނޭޓަރ ރިލްވާން މޫސާ 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށަކުން އެއްޓީމަށް މުބާރާތުގައި ވާދަކުރެވޭނެއެވެ. ރާއްޖޭގައި އޮތް ހަމައެކަނި އެއް ރަށަކަށް ބިނާވެފައިވާ އަތޮޅު ކަމުގައިވާ ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ނެގޭގޮތަށް ހަދާފައިވަނީ އެރަށަކީ އާބާދީ ބޮޑު ރަށަކަށް ވެފައި މުޅި ރަށުން އެއް ޓީމު ނަގާ ނަމަ އިންސާފަކަށް ނުވާތީ ކަމަށް މުބާރާތް ހަމަޖައްސާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ހަމައެހެންމެ މާލެ ސިޓީގެ ހަތަރު އަވަށުން ހަތަރު ޓީމަށް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ވިލިމާލެ، އަދި ހުޅުމާލޭގެ ކުޅުންތެރިންނަށް މާލޭ ޓީމުތަކަށް ކުޅެވޭނެއެވެ.

މުބާރާތް ކުރިއަށް ދާނީ ގްރޫޕް-ސްޓޭޖް އުސޫލުންނެވެ. ކޮންމެ އަތޮޅަކީ ގްރޫޕެއްގެ ގޮތުގައި ކުޅެ، ކޮންމެ ގްރޫޕެއްގައި ހިމެނޭ ހުރިހާ ޓީމެއް އެއްޓީމު އަނެއް ޓީމާ ކުޅެ ގްރޫޕުގެ އެއްވަނައަށް ދާ ޓީމު ކުޅޭނީ އެއަތޮޅު ހިމެނޭ ޒޯނުގެ ދެން އޮތް އަތޮޅުގެ ޗެމްޕިއަންއާ ދެކޮޅަށެވެ.
އައްޑޫ ސިޓީ އަދި ފުވައްމުލަށް ހިމެނެނީ އެއް ޒޯނެއްގައި ކަމަށްވުމުން ދެވަނަ ބުރުގައި ވާދަ ކުރާނީ އައްޑޫ އަދި ފުވައްމުލަކު ގެ ޗެމްޕިއަން ޓީމެވެ.
މިބުރުގައި ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅޭނެއެވެ. އެގްރިގޭޓުން މޮޅުވާ ޓީމު ދަތުރު ކުރާނީ މުބާރާތުގެ ކުއާޓާފައިނަލަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޮގަސްޓު މަހުގެ 15 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ. ކޮންމެ ޓީމެއްވެސް މުބާރާތުގައި ބައިވެރިވުމަށް 4،000 ރުފިޔާ ދައްކަން ޖެހެއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ފައިސާގެ ގޮތުގައި 50،000 ރުފިޔާ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ކަނޑައެޅިފައިވެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. 15 އޮކްޓޫބަރުން ފެށިގެން 15 ނޮވެމްބަރާއި ހަމައަށް ކުޅޭ މިމުބާރާތް އޮންނާނީ މާފަންނު މިނީ ދަނޑުގަ އެވެ.