އެމެރިކާގެ އޮރެގަން ގައި ދާދި ފަހުން ޖަލުން މިނިވަން ކުރި އަންހެނަކު ބެންކެއް ފަޅާލައިފި އެވެ.
އިންވެސްޓިގޭޓަރުން މައުލޫމާތު ދީފައިވާގޮތުން 59 އަހަރުގެ ލިންޑާ ޕެޓްރީޝިއާ ތޮމްސަން ބޭންކު ފަޅާލައި، ނެގި ލާރި މައްޗަށް އެއްލާލައި ފުލުހުން އަންނަން ދެން ހުރީ ބިންމަތީގައި އިށީނދެލައިގެންނެވެ.
އަދި އޭނާ ވަނީ އަނބުރާ ޖަލަށް ދާން ބޭނުން ކަމުގައި ފުލުހުން ކައިރީ ބުނެފައެވެ. ލިންޑާ ބުނެފައިވަނީ އޭނާ ޖަލުން މިނިވަން ކުރި ފަހުން ބަޔަކު ވަނީ ޕާކެއްގެ ތެރޭގައި އޭނާ ގައިގައި އެއްވެސް ކަމަކާ ނުލާ ތަޅައި އަނިޔާކޮށްފައެވެ.
އަދި ރޭގަނޑު ނިދަން ގެއެއް ނެތިފައި ތިބޭ މީހުންގެ ޝެލްޓާއަކުން ކޮޓަރިއެއް ލިބޭތޯ މަސައްކަތް ކުރުމުން ކޮޓަރިއެއްވެސް އޭނާ އަށް ލިބިފައިނުވެއެވެ.
ބޭންކު ފަޅާލުމަށް ނިންމީ މިނިވަނެއްގެ ގޮތުގައި އުޅުމަށް ވުރެ ޖަލުގައި އުޅުމަށް ފަސޭހަވެފައިވާތީ ކަމަށް އިންވެސްޓިގޭޓަރުން ވަނީ ބުނެފައެވެ.
ލިންޑާ ޗޭނޭގައި ހުރި ބޭންކަކަށް ވަދެ ބަޑިއެއް އޮތް ކަމަށާއި ލާރި ދޭށޭ ލިޔެފައި އޮތް ކާޑުބޯޑުން ހަދާފައިވާ ނޯޓެއް ބޭންކުގެ ޓެލާ އަތަށް ދިނުމުން އޭނާ ވަނީ އެތައް ހާސް ރުފިޔާއެއް ދީފައެވެ.
ލިންޑާ އެފައިސާއިން ކުރި ކަމަކީ ބޭރަށް ނިކުމެ ފައިސާ މައްޗަށް އެއްލާލުމެވެ. އަދި މަގުން ދިޔަ ބައެއް މީހުުންނަށް ނޫޓުތައް ދީހެދި ކަމަށްވެސް މަންޒަރުދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.
ލިންޑާ ތޮމްޕްސަން ހައްޔަރުކޮށް ޖަލަށް ލާފައިވަނީ ދެވަނަ ދަރަޖައިގެ ވައްކަމެއް ކުރިކަން ސާބިތުވެގެންނެވެ. އޭނާ ޖަލުން މިނިވަން ކުރަން އުޅުމުން އެކަން ނުކުރުމަށް ޕެރޯލް އިންވެސްޓިގޭޓަރުންގެ ކައިރީ އެދިފައިވާނެކަމަށްވެސް ބުނެފައިވެއެވެ.