Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

ލޫކަސްގެ ބަންދަށް 15 ދުވަސް ޖަހައިފި

ސަލާމަތީ ބާރުތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ރޭ 10:30 ހާއިރު ލޫކަސް ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ. ލޫކަސް ހައްޔަރުކުރި އިރު އޭނާ އެންމެ ފަހުން ކުރި ޓްވީޓްގައި ބުނެފައިވަނީ އިއްޔެ މުޒާހަރާ އާއި ހަމައަށް އޭނާގެ 250،000 ވަނަ ޓްވީޓް ކޮށްފައިވާ ކަމަށެވެ.

ލޫކަސް ހައްޔަރު ކުރުމާއި ގުޅޭގޮތުން ފުލުހުން ރޭ ބުނީ އޭނާ އާއި އިތުރު ބަޔަކު ގުޅިގެން ދިވެހި ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައޔްިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި، މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ލޫކަސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި ފަސްޓްލޭޑީ ފާޠިމަތު އިބްރާހިމްއަށް ފާޅުގައި އެންމެ ބޮޑަށް ފާޑު ކިޔަމުންދަނީ ލޫކަސްއެވެ.

އޭނާ ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލާފައެވެ.