އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި އަލަށް ގުޅުނު ސްވިޑެންގެ އިބްރަހިމޮވިޗް އެޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އޯވާހެޑް ކިކަކުން ގޯލެއް ޖަހައި ދުނިޔެ ސިއްސުވާލައިފިއެވެ.
ޔުނައިޓެޑުގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗު އެޓީމުން ވަނީ 2-5 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މެޗުގައި ވިދާލި ކުޅުންތެރިންގެ ތެރޭގައި އެންޓޯނިއޯ ވެލެންސިއާ ފާހަގަކުރެވެއެވެ.
މިރޭ އިބްރާގެ އުފަން ގައުމު ސްވިޑެންގައި ޕްރީ ސީޒަނުގެ މެޗެއް ގަލަޓަސަރީ އާ ދެކޮޅަށް ކުޅެ، މެޗު ފެށިގެން ތިން މިނެޓުގެ ތެރޭގައި އިބްރާ ވަނީ ގޯލު ޖަހާފައެވެ.
ކަނާތް ފަޅިން ވެލެންސިއާ އޭރިޔާ ތެރެއަށް ނަގާދިން ހުރަސް އިބްރާ ވަނީ އޯވާހެޑް ކިކަކަށް ފުންމައި ބޯޅަ ބިންމަތީ ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ގަލަޓަސަރީ ކީޕަރަށް ބަލައިގެން ހުރުން ނޫން އިތުރު އެއްވެސް ގޮތެއް ނެތެވެ.

މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ލީޑު ނެގިނަމަވެސް ގަލަޓަސަރީ އިން ވަނީ 21 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް އޭރިޔާ ތެރެއަށް ނަގާދިނުމުން ބޮލުން ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ގުމުސްއެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ގަލަޓަސަރީއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިގޯލު އެޓީމަށް ޖަހާދީފައިވަނީ ބްރޫމާއެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަ ބަދަލު ތަކެއް ޔުނައިޓެޑުން ވަނީކޮށްފައެވެ. 51 ވަނަ މިނެޓުގައި އެންޓޯނިއޯ ވެލެންސިއާ އޭރިޔާ ތެރެއަށް ނަގާދިން ހުރަސް މިފަހަރު ގޯލު ތެރެއަށް ފޮނުވާލާފައިވަނީ ކެޕްޓަން ރޫނީއެވެ.
ތިން މިނެޓު ފަހުން ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ގޯލު ލައިން ކައިރިން ޑިފެންޑަރަކު ކައިރިން ނައްޓާލައި ކީޕަރު ނައްޓުވާލި ވަގުތު ކީޕަރު ވަނީ އޭނާ ވައްޓާލާފައެވެ.
ރެފްރީ ވަނީ ކީޕަރުގެ މިއަމަލަށް ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. ސްޕޮޓުން ގޯލު ޖަހާފައިވަނީ އަނެއްކާވެސް ކެޕްޓަން ރޫނީއެވެ.
މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައިވަނީ 68 ވަނަ މިނެޓުގައި ފެލައިނީއެވެ. ވެލެންސިއާގެ ހުރަހަކުން ފެލައިނީ ބޮލުން ގޯލު ޖަހާފައިވާއިރު މިއީ މިމެޗުގައި ވެލެންސިއާގެ ތިން ވަނަ އެސިސްޓެވެ.
މެޗުގެ 74 ވަނަ މިނެޓުގައި މައިކަލް ކެރިކް ނަގާދިން ހުރަހަކުން މެންޗެސްޓާ ޔުނައިޓެޑުގެ 5 ވަނަ ގޯލު ޖަހާފައިވަނީ މަޓާއެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ މެޗުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ގަލަޓަސަރީ އަށް މެޗުގައި މާބޮޑު ކުޅުމެއް ކުޅުމެއް ނުދެއްކި ހިފަހައްޓާފައެވެ.