Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ފުރަތަމަ ފަހަރަށް ކައުންސިލް ނިންމުމެއް އާއްމުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ނިންމުމެއް ފުރަތަމަ ފަހަރަށް އާއްމުކޮށްފިއެވެ. ކައުންސިލުން ހިންގަމުން އަންނަ ފޭސްބުކް ޕޭޖް މެދުވެރިކޮށް މި ޖެނުއަރީ 23 ވަނަ ދުވަހު ބޭއްވި 2013 ވަނަ އަހަރުގެ ކައުންސިލްގެ 4 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެނިންމުމުގައި ވަނީ އައްޑޫ ސިޓީ ގައި ހިންގާ ފިހާރަތަކުން މަހުފީއެއްގެ ގޮތުގައި 200 ރުފިޔާނެގުމަށެވެ. ޑިޕާރޓްމަންޓް އޮފް ބިޒިނަސް ޑިވެލޮޕްމެންޓް، ޔޫތު އެންޑް ސްޕޯޓްސް އިން ހުށަހެޅި މިމައްސަލަ އަށް ވަނީ ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. ނަމަވެސް ބައްދަލުވުމުގައި ބައިވެރިވީ ކިތައް ކައުންސިލަރުން ކަމާއި އަދި އެއީ ކޮން ބައެއްކަން ފާހަގ ކޮށްފަނުވެއެވެ.

މި ބައްދަލުވުމުގައިވަނީ މަގުމަތީގައި ބަހައްޓައިގެން ވިޔަފާރި ކުރާ ގާޑިއާތަކުންވެސް ފީނަގަން ނިންމާފައެވެ. އެގޮތުން މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދު ގެޒެޓްވެވި ޝާޢިޢުވެ އަމަލްކުރަންފެށެންދެން އެގަވާއިދުގެ ނަން "މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ވަގުތީ ގަވާއިދު" ގެ ގޮތުގައި ހަމަޖައްސައި ވަގުތީ ގަވައިދުގެ ދަށުން މަހަކު 50ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

ފެބްރުއަރީ 27، 2011އިން ފެށިގެން މިހާތަނަށް ކައުންސިލުން ބޭއްވި އެއްވެސް ބައްދަލުވުމެއްގެ ނިންމުން އާއްމުކޮށްފަނުވެއެވެ.

ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ހޯމް މިނިސްޓްރީ މައްޗަށް ކޮށްފައިވާ ދައުވާއަކާއި ގުޅިގެން ހުކުމް ކޮށްފައިވަނީ ކައުންސިލްތަކުން ފާސްކުރާ ގަރާރުތައް އާންމު ނުކުރާނަމަ އެ ގަރާރުތައް ސައްހަނުވާނެ ކަމަށް ކައުންސިލްތަކުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.