Last Updated: May 18, 17:38
Saturday, May 18, 2024
ރިޕޯޓް

ޒަވިކަން ނެތް ފިޔާ، ދެން ކަރުނަ އަޅާކަށް ނުޖެހޭނެ!

ފިޔައަކީ ކާތަކެތި ތައްޔާރު ކުރުމުގައި އެންމެ އާންމުކޮށް ބޭނުން ކުރާ އެއް ތަރުކާރީ އެވެެ. އެކަމަކު ފިޔާ ކޮށުމަކީ ވޭންދެނިވި ކަމެކެވެ. ސަބަބަކީ އެއިން އަންނަ ޒަވިކަމާ ހެދި ލޮލުން ކަރުން އައުމެވެ.

އެހެންވެ ފިޔާ ކޮށައި ނިމޭ އިރު މީހަކަށް ހުންނާނީ ގަދައަށް "ރޮވިފަ" އެވެ. އެކަމަކު އަންނަ މަހުން ފެށިގެން އެ ރުއިމަށް ހުއްޓުމެއް ގެނެވޭނެ އެވެ.

ޖަޕާންގެ ކުންފުންޏަކުން މިހާރު ވަނީ ޒަވިކަން ނާންނަ ފިޔާ އުފައްދައި ބާޒާރަށް ނެރެން ތައްޔާރުވެފަ އެވެ. މިއީ ކައްކާއިންނަށް ގައިމު ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.

އަންނަ މަހު އެ ގައުމުގެ މާކެޓަށް ނެރޭ މި ފިޔަ އަށް ދީފައިވާ ނަމަކީ "ސްމައިލް ބޯލް" އެވެ.

އެހެންވެ މި ވައްތަރު ފިޔާ ކޮށާ އިރު، ލޮލުން ކަރުނަ ފޭބުމުގެ ބަދަލުގައި ފިޔާ ކޮށާ މީހާގެ މޫނު މައްޗަށް ވެރިވާނީ އުފާވެރިކަމާއި ހިނިތުންވުމެވެ. އެއްވެސް ވޭނެއް "ސްމައިލް ބޯލް" ކޮށުމަކުން އުފުލާކަށް ނުޖެހޭނެ އެވެ.

ޖަޕާންގެ ހައުސް ފުޑްސް ގްރޫޕުން އުފެއްދި މި ފިޔާއަކީ އެ ކުންފުނިން މިކަން ކާމިޔާބު ކުރުމަށް ކުރި 20 އަހަރުގެ ދުވަހުގެ މަސައްކަތުގެ ނަތީޖާ އެވެ.

ހައުސް ފުޑުން ބުނީ އާދައިގެ ފިޔައިން ލިބޭ ހުރިހާ ފައިދާއެއް، "ސްމައިލް ބޯލް" އިން ލިބޭނެ ކަމަށެވެ. އަދި މީގެ ރަހައިގައި ބޮޑަަށް ހުންނާނީ އާފަލުން ނުވަތަ ފީޗުންލާ ކަހަލަ ފޮނި ރަހައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ސްމައި ބޯލް" މާކެޓް އޮތްތޯ ބެލުމަށް ޓެސްޓް ބުރެއްގެ ގޮތުގައި ހައުސް ފުޑްސްއިން ވަނީ ފަސް ޓަނުގެ ފިޔާ ދާދި ފަހުން ޓޯކިއާގެ ސްޕަމާޓްކާއި އޮންލައިން ފިހާރަތައް ވެސް މެދުވެރިކޮށް ވިއްކައިފަ އެވެ.

މި ޓްރައިލްގައި "ސްމައިލް ބޯލް" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެ އެވެ.

އެހެންވެ އާންމުކޮށް މި ވައްތަރު ފިޔާ ބާޒާރަށް ނެރުމުން ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް މިހާރު ވެސް ގަބޫލް ކުރެވޭ ހައުސް ފުޑްސްއިން ބުންޏެވެ.