Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

އަބުރުގެ ބިލް: 1.2 ބިލިއަން ރުފިޔާގެ ކޮރަޕްޝަން ވަޅުލެވޭނެ!

މާދަމާ މަޖްލިސްގައި ބަހުސް ކުރުމަށް ތާވަލްކޮށްފައިވާ "އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް" އޮތް ގޮތަށް ފާސްވެއްޖެނަމަ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުނީއެވެ.

އެއާއި އެކު ކަރަޕްޝަނާއި، ވައްކަމާއި، މާރާމާރީ އާއި ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގެ ވާހަކަ ދެއްކުން ހުއްޓި ގައުމުގެ މިސްރާބު ވެރިކަން ކުރާ ފަރާތުން ބޭނުންވާ ގޮތަށް ފަހިވީއެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފަޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ފަރުމާ ކުރެވިފައިވާ މި ބިލާއި އެކު ރާއްޖޭގައި މިހާތަނަށް ފަޅާ އަރާފައިވާ އެންމެ ބޮޑު ފައިސާގެ ހިޔާނާތުގެ މައްސަލައަށް ވެސް ފަސް އެޅި ވަޅުލެވުނީއެވެ.

އެއާއިއެކު އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދަން ހުރަސް އެޅުނީއެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކެނޑިގެންދާ ގޮތަށް އެކުލެވިފައިވާ ބިލް މަޖްލިސް އިން "ފަޔަށް ހިނި އަރައިގެން" އުޅޭ އުސޫލުން ފާސް ކުރުމަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމްގެ ތެރޭގައި ބޮޑެތި ކަރަޕްޝަން މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމިއްލައަށް "ފައިސާގެ ގޯނި" ތައް ހިފައިގެން ބަހަން ދިޔަ ވާހަކަ ދައްކަމުންދާ ވަގުތެއްގައި ކުއްލިއަކަށް މަޖްލިސް މެދުވެރިކޮށް ބަންދު މިކޮށްލަނީ ނޫސްވެރިންގެ ދޫތަކެވެ.

ނޫސްވެރިން ގެއްލި، ނޫސް އިދާރާތަކުގެ ދޮރަށް "ކަތިވަޅި" ޖަހައި، ނޫސްވެރިންގެ މައްޗަށް އެކިއެކި ދައުވާ އުފުލައި، ނޫސް އިދާރާތައް ބަންދުކޮށް، ބްލޮކް ކުރުމުންވެސް ރައްޔިތުންގެ ދޫތަކުން ކަރަޕްޝަންގެ ވާހަކަ ނުހުއްޓުނެވެ.

މިނިވަން ނޫހުގެ އޮފީސް ހުންނަ އިމާރާތުގެ ކުރިމަތީގައި ހުންނަ އެޕާޓްމަންޓަކަށް ވަޅިޖަހާފައި
މިނިވަން ނޫހުގެ އޮފީސް ހުންނަ އިމާރާތުގެ ކުރިމަތީގައި ހުންނަ އެޕާޓްމަންޓަކަށް ވަޅިޖަހާފައި

ކޮންމެ ދުވަހަކު ސުރުހީތަކުން، ހަނޑޫ، ކަދުރު، ހައްޖު ކޯޓާ، ގެއްލެމުންދާ ވާހަކަ ރައްޔިތުން އަންނަނީ ބިރެއް ނެތި ދައްކަމުންނެވެ.

ބިލް ފަރުމާކުރެވި، މަޖްލިސްއަށް ހުށަހެޅި ފަހުން، ޓްވީޓް ކޮށް، ސޯޝަން މީޑިއާގައި ކަރަޕްޝަންގެ ވާހަކަ ދައްކާ މީހުން ހޯދުމަށް އަތްފުނާ އެޅުމަށްފަހު މިހާރު އެފަދަ ފަރާތްތައް ހައްޔަރު ކުރަން ދަނީ "ސަލާމަތީ ބާރުތަކަކާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭގޮތަށް އަމަލު ކުރާތީ" ކަމަށް ވެގެންނެވެ.
lucas jaleel

ދުއާ ކުރުމަށް "އަތް މައްޗަށް" ނަގާމީހުން، މިސްކިތްތަކަށް ނުދެވޭ ގޮތަށް ޝަރުޠުކުރަމުން އަންނަ އިރު، ދެތިން މީހަކަށް އެއްތަނަކަށް އެއްވުން މިއަދު މިވަނީ ކުށަކަށް ވެފައެވެ.

މީހަކު ބުނާ ބަހަކުން، ކުރާ ޓްވީޓަކުން، ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯއަކުން ކުށްވެރިވާ މިންވަރަށް ބިލްގެ ނުރައްކާ ބޮޑެވެ.
police

ނޫސްވެރިން މަގުމައްޗަށް ނިކުމެ މިއަދު ކުރަމުން މިދާ މަސައްކަތަކީ، ގައުމު ހަމަމަގަށް އެޅުމުގެ މަސައްކަތެވެ. ބިލް އޮތް ގޮތަށް ފާސްވެއްޖެނަމަ، ގައުމުގައި މިހާތަނަށް ހިނގި ހުރިހާ ކަރަޕްޝަން މައްސަލަތައް އޮބުނީއެވެ. އެވާހަކަ ދައްކާ ކޮންމެ މީހަކު ދާން އޮތީ ޖަލެވެ. ޖަލުގެ ތޭރިތަކުގެ ފުރަގަހެވެ.