Last Updated: May 19, 00:16
Sunday, May 19, 2024
ރިޕޯޓް

ކައިށިބެހާ ފަންނަ ކުނިވަނީ، ފެންނަ ބަޔަކު ނެތް!

ހިތަދޫ އުތުރު ދާއުރާގައި އޮންނަ ކައިށިބެހާ ފަންނާއި ކައިރި ހިސާބުގައި ދިރިއުޅޭ ރައްޔިތުން އުޅެމުން ދަނީ ކުނި ގޮޑެއްގައެވެ. އެކަމާއި ހެދި އެހިސާބު ގަނޑުގެ މީހުންގެ ދިރިއުޅުންވަނީ އުނދަގުލަކަށްވެފައެވެ.

ކުނީގެ މައްސަލަ ހައްލުވޭތޯ އެހިސާބުގެ މީހުން ކައުންސިލާއި ބައްދަލު ކޮށްފިއެވެ. އެމްއާރްޑީސީގެ އިސްވެރިންނާއި ބައްދަލުކޮށް މި މައްސަލަ ހައްލުކޮށްދިނުމަށް އެދުނެވެ. ނަމަވެސް އަދި މިހާތަނަށް އައިއިރު އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބެއެވެ.

ކައިށިބެހާ ފަންނުގެ ރައްޔިތުންނަށް ދިމާވެފައިވާ ކުނި ގޮނޑުގެ މައްސަލައާއި ބެހޭ ގޮތުން މިދިޔަ ހަފްތާގައި "އައްޑޫލައިވް" ނޫސް ޓީމްގެ ފަރާތުން އެހިސާބުގަނޑުގެ މީހުންނާއި ބައްދަލުކޮށް ވަނީ މައުލޫމާތު ހޯދާފައެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި އެހިސާބުގަނޑުގެ ރައްޔިތަކު ބުނީ، ކުނީގެ މައްސަލަ ބޮޑުވެގެން ކައުންސިލަށް ގޮސްގޮސް އެންމެ ފަހުން މީގެ މަހެއްހާ ދުވަސް ކުރިން އެހިސާބުގައި އޮތް ޒަމާންވީ ކުނި ގޮޑު އެމްއާރްޑީސީގެ އެހީތެރިކަމާއި އެކު ނަގާފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި ކައުންސިލުން ޑަސްބިންތައް ބަހައްޓާދީފައިވާ ކަމަށެވެ.

kuni

"ކުނީގެ މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން ހިނގަމުން ހިނގަމުން ގޮސް މިހާރު ކައުންސިލުން މިވަނީ ޑަސްބިންތަކެއް ބަހައްޓާދީފައި. މިތަން ސާފު ކުރި ދުވަހު، އެމްއާރްޑީސީގެ އިސް ބޭފުޅުން ވިދާޅުވި ހަފްތާއަކު ދެފަހަރު ނޫނީ ތިން ފަހަރު މި ޑަސްބިންތައް ހުސްކޮށްދޭނެ ކަމަށް. އެކަމަކު ޑަސްބިން ބެހެއްޓިފަހުން އެންމެ ދެ ފަހަރު މި ޑަސްބިންތައް ހުސް ކުރެވުނީ"

އޭނާ ކިޔައިދިން ގޮތުގައި، ޑަސްބިންތަކަށް ކުނި ކާތަކެތި އަޅައި އެތަކެތި ކުނިވެ، ފުޅަ ދުވާއިރުވެސް އެ ސާފު ކުރުމަކަށް އެމްއާރްޑީސީން އިސްކަމެއް ދީފައި ނުވެއެވެ.

kuni 2

"އަސްލު ޑަސްބިން ބެހެއްޓިފަހުން، އެސަރަހައްދަށް ވަރަށް ކުނި ނާޅާ، ގިނަ މީހުން ކުނި އަޅަނީ ހަމަ ޑަސްބިންތަކަށް، މިހާރުވެސް އެފެންނަނީ އެތަކެތި ފުލް ވެފައިވާ ތަން، ދެން އަޅާނީ ބޭރަށްތާ؟

"

އެސަރަހައްދުގައި ދިރިއުޅޭ އެހެންމީހަކު ބުނީ، ޑަސްބިން ބެހެއްޓުމުން ކުނި އަޅާ މީހުން މަދު ނަމަވެސް ބައެއް ފަރާތްތަކުން ސައިކަލްގައި ދަމުން ކުނި ކޮތަޅު އުކާލާ މަންޒަރު ބައެއް ފަހަރު މަދުން ނަމަވެސް ފެންނަ ކަމަށެވެ.

"މިއަދުވެސް އަހަރެން ކުނި އަޅަން ދިޔައިރު ޑަސްބިން ކައިރީ ބިންމަތީގައި ދެ ކުނި ކޮތަޅު އޮތް. އަހަރެން އޭތި ޑަސްބިންތެރެއަށްލީ. އެއީދެން ވަރަށް ދެރަކަމެއް"

ކައިށިބެހާ ފަންނުގައި އޮންނަ ޒަމާންވީ ކުނި ގޮޑާއި ހެދި އެތައް ބަޔަކު ދަތިހާލުގައި އުޅެމުން އަންނަ އިރު މިތަނުގައި ބަހައްޓާފައިވާ ޑަސްބިންތަކުގައި ހުންނަ ކުނި ކާތަކެތި ކުނިވެ، މުޅިމަގު އެއްވަސްވެފައި އޮންނަނީ ކުނި ވަހުންނެވެ.

ޑަސްބިންތައް ހުސްކުރި ދެފަހަރުވެސް ފުޅަ އަޅާފައިވާ ކުނިތައް ހުސްކުރުމަށްފަހު، ޑަސްބިންތައް ސާފު ނުކުރާ މައްސަލަވެސް އެހިސާބުގެ މީހުން ޖެއްސިއެވެ.

"ޑަސްބިންތައް ހުސްކުރަނީ މިތަނުގައި، އެ ސާފުވެސް ކޮށްނުލާ މިތަނަށް ދޫކޮށްލާފައި ދަނީ، ވަރަށް ފަރުވާ ކުޑަ ގޮތަކަށް އަމާބުނީތީ ފަރަށްދާ އުސޫލުން މިކަން އެމްއާރްޑީސީން ކުރަމުންގެންދަނީ. އަސްލު މިކަމަކީ ސިއްހީގޮތުން ބެލިއަސް ވަރަށް ނުރައްކާތެރި ކަމެއް"

އައްޑޫގެ ކުނި މެނޭޖްކުރުމުގެ ކަންކަން އެމްއާރްޑީސީއާއި ހަވާލުކޮށްފައިވާ އިރު އެމަސައްކަތް ކުރިއަށްދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތް ގޮތެއްގައި ކަމަށް އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ދާދިފަހުން ހަވާލުވެވަޑައިގެންނެވި މުހައްމަދު ހަލީމް ވަނީ "އައްޑޫލައިވް"އަށް ވިދާޅުވެފައެވެ.

ނަމަވެސް ހަލީމް ވިދާޅުވީ މިކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އައްޑޫގެ ކުނީގެ ކަންކަންވެސް ހަރުދަނާ ކުރައްވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ކައިށިބެހާ ފަންނު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ މިތަނުގައި އޮންނަ ކުނި ގޮޑު ނެގި، ނުވަތަ އެތަނުގައި ބަހައްޓާފައިވާ ޑަސްބިންތައް ބަރާބަރަށް ހުސްކުރެވި، އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ މުސީބާތުން ވީ އެންމެ އަވަހަކަށް ސަލާމަތް ވުމެވެ.

އެމީހުންގެ ސުވާލަކީ މިމަންޒަރު ކަމާއި ބެހޭ ފަރާތްތަކަށް ފެނޭތޯއެވެ.