Last Updated: May 14, 01:49
Monday, May 13, 2024
ޚަބަރު

ޤަދަރާއި އިއްޒަތަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫން: ޢަނާރާ

ޤަދަރާއި ޢިއްޒަތަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު ޢަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ޢަނާރާ މިގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވަހާކަ ދައްކަވަމުންނެވެ.

މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލުކުރައްވާ ހަމައެކަނި މެންބަރު ކަމުގައިވާ އަނާރާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި އަންނަ އޯޑަރަކަށް ވޯޓް ދިނުމަކީ މެންބަރުން ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ސަބަބުން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިގެންދާނެ ކަން ފާހަގަކުރައްވަމުން އަނާރާ ވިދާޅުވީ، ރައްޔިތުންގެ މެންބަރުންގެ ހައިސިއްޔަތުން ރައްޔިތުންގެ ދިފާއުގައި މި ބިލާ ދެކޮޅަށް ތެދުވަން ޖެހިފައިވާކަމަށެވެ.

މީހަކަށް ހަމަލާއެއް އަންނަ ނަމަ ދިފާއު ވުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށާއި އެ ދިފާއު ވާނީ ވާހަކަ ދައްކައިގެން ކަމަށް ވެފައި އެ ވާހަކަ ދެއްކުންވެސް މި ބިލުގެ ސަބަބުން ނެތިގެންދާނެ ކަމަށް ވިދާޅުވެ އަނާރާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.