Last Updated: May 12, 20:00
Sunday, May 12, 2024
މީހުން

މެމްބަރު ނިޒާރު ޕޮލިހަށް ހާޒިރު ވާން ޗިޓް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ފޮނުވި ޗިޓުގައި ވަނީ ފުލުހުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ބަޔާނެއް ނެގުމަށް މާދަމާ ރޭ 9:30 އަށް ހާޒިރު ވާން އަންގައިފަ އެވެ.

މަޖިލީހަށް މިއަދު ހުށަހެޅި އަބުރުގެ ބިލަށް ބަހުސް ކުރައްވަމުން ނިޒާރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އަބުރުގެ ބިލް ފާސްވެއްޖެ ނަމަ ރާއްޖޭގައި ސިޔާސީ ވާދަވެރިއަކު ހުރިނަމަ އޮންނާނީ ޖަލުގައި ކަމަށާއި، އެ އެންމެންނަކީ ވެސް "ޓެރަރިސްޓުން" ކަމަށެވެ.

"މި ބިލަކީ ރައީސް ޔާމީން އިތުރަށް އަނިޔާވެރިވުމަށް ބާރު ދިނުމަށް ފާސް ކުރާ ބިލެއް" ނިޒާރު ވިދާޅުވި އެވެ. "ސިހުރު ހެދީމަ އެ ވާހަކަ ރައްޔިތުން ދައްކާނެ. އެމްއެމްޕީއާރްސީން ހަތަރު ބިލިއަން ރުފިޔާ ވަގަށް ނެގީމަ އެ ވާހަކަ ދައްކާނެ. ޒިނޭގެ ތުހުމަތު ކުރެވިފައިވާ ފަނޑިޔާރެއްގެ ވާހަކަ ރައްޔިތުން ދައްކަން ޖެހޭނެ. މިއީ އަބުރަށް އަރައިގަތުމެއް ނޫން. މިއީ ރައްޔިތުން ދައްކަން ޖެހޭ ވާހަކަތައަް."