ފާއިތުވި ދެ ހަފްތާގައި ފުޓުބޯޅަ ދުނިޔޭގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަ އަކީ މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލި ޕޮގްބާ ޔުވެންޓަސް އިން ރިކޯޑު ފީއަކަށް ޔުނައިޓެޑަށް އެނބުރި އަންނަން އުޅޭ ވާހަކައެވެ.
އިނިގރޭސި ހުރިހާ މީޑިޔާއެއްގެ ފަލަ ސުރުހީ ވަނީ ޕޮގްބާގެ މި ޓްރާންސްފާގެ ވާހަކައިން ފުރިފައެވެ. ނަމަވެސް އަދިވެސް އެމަންޒަރު ފެންނާނޭ ގޮތެއް ނުވިއެވެ.
ޔޫރޯ 2016 ނިންމާލުމަށްފަހު ޕޮގްބާ ޗުއްޓީ ހޭދަކުރުމަށް އެމެރިކާގެ އެކި ސްޓޭޓުތަކަށް ދަތުރުކުރަމުންދާއިރު އޭނާ ލޮސް އެންޖެލެސް އަށް ދަތުރުކުރުމުން ބައެއް މީޑިޔާ ތަކުން ވަނީ މިދަތުރަކީ މެންޗެސްޓާ ޔުނައިޓެޑުގެ މެޑިކަލް ހެދުމަށް ކުރި ދަތުރެއް ކަމުގައި ރިޕޯޓުކޮށްފައެވެ.
ނަމަވެސް ޕޮގްބާ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި މަލާމާތަކުން އެ ޚަބަރު ދޮގު ކޮށްފައެވެ.
އެއަށްފަހު އޭނާގެ އޭޖެންޓު ވަނީ ޓުވިޓާގައި މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އާއި ދެމެދު ޕޮގްބާއާ ގުޅޭގޮތުން މުއާމަލާތެއް ކޮށްފައިނުވާކަމަށާއި ދެ ގައުމުގެ މީޑިޔާތަކުން ކުޅޭ ކުޅިވަރެއް ކަމުގައި ސިފަކޮށް ފާޑުކިޔާފައެވެ.
ނަމަވެސް ސްކައި ސްޕޯޓްސް އިން ވަނީ ޖެހިގެންއައި ދުވަހު ޕޮގްބާގެ އޭޖެންޓު ވަނީ ޑީލު ފައިނަލް ކުރަމުން ކަމުގައި ރިޕޯޓުކޮށްފައެވެ.
ދެން އެންމެ ގަދައަށް ދެކެވިގެން އައި ވާހަކަ އަކީ ޕޮގްބާ ޔުނައިޓެޑު ސަޕޯޓަރެއްގެ ޖާޒީގައި ސޮއި ކުރި ވާހަކައެވެ.

ސަޕޯޓަރަކު 'ޕޮގްބާ 6' ޖަހާފައިވާ ޖާޒީއެއްގައި ސޮއި ކުރަން އެދުމުން އޭނާ ވަނީ އެކަން ކޮށްފައެވެ.
ޕޮގްބާގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓުގައި އޭނާ މަތިންދާބޯޓެއްގައި ފުރަން އުޅޭ ފޮޓޯއެއްގައި ފްލައިޓް ޑިލޭ ވުމުން ފުޓުބޯޅައާ ދޭތެރޭ ވިސްނާ ކަމުގައި ޖަހާފައި އޮތުމުން މިހާރު މީޑިޔާ ތަކުގައި އޭނާ ދަތުރުކުރަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކަމަށާއި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ޕޮގްބާ ޔުނައިޓެޑަށް ސޮއި ކުރާނެ ކަމަށް ޚަބަރު ފަތުރާފައިވެއެވެ.
ޔޫރޯ ނިމުމަށްފަހު މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން 48 ގަޑިއިރަށް ބަލައިގެން ތިބޭތާ މިހާރު ހަފްތާތަކެއް ވެއްޖެއެވެ. ގިނަ ސަޕޯޓަރުން މިހާރު އިންތިޒާރު ކުރުން ނިންމައި ޓްރާންސްފާގެ އެންމެ ފަހު ދުވަހަށް ބަލަން ފަށައިފިއެވެ. ބައެއް ސަޕޯޓަރުން ފޫހިވާ ހިސާބަށްވެސް ގޮސްފައިވާކަން ސޯޝަލް މީޑިޔާގައި ހާމަކުރަން ފަށައިފިއެވެ.