ރާއްޖޭގެ އެންމެ ބޮޑު ސޯޝަލް މީޑިޔާ ނެޓުވޯކް، ޓުވިޓާގެ ބައިވެރިން އެކުވެ ބޮޑު ފުޓްސަލް މުބާރާތަކަށް ތައްޔާރުވެއްޖެއެވެ.
ޓްވިޓްސަލް ގެ ނަމުގައި 130 އަށް ހާ ކުޅުންތެރިން ބައިވެރިވާ މިމުބާރާތުގައި 11 ޓީމު ވާދަކުރާނެއެވެ. އަންހެން އަދި ފިރިހެން ދެ ޖިންސުގެ ޓީމުތައް ބައިވެރިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހުގައެވެ.
މުބާރާތުގައި ފިރިހެން 8 ޓީމު ވާދަކުރާއިރު އަންހެނުންގެ ފަރާތުން ބައިވެރިވަނީ 3 ޓީމެވެ. ދެ ގްރޫޕަށް ޓީމުތައް ބަހާލެވިފައިވާއިރު ސެމީ އަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.
މުބާރާތުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ޓްވިޓާ ކޮމިއުނިޓީ ގައި އުޅޭ ޒުވާނުންގެ މެދުގައި އެކުވެރިކަން އުފައްދައި، އެއްބައިވަންތަކަން އުފެއްދުން ކަމަށް އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ 'ހަސަން މެރިން' އެވެ. ކޯސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ބީއެޗްއެމްގެ އޮވިލް ކޮފީއާއި ސޮނީ ސްޕޯޓްސްއާއި ގޮރިއްލާ އެނަޖީ ޑްރިންކެވެ.