އއ. ރަސްދޫ ކޯޓު ކުރިމަތީގައި ދަމާފައި ހުރި ހުދު ޖަނގިޔަލެއް ފުލުހުން ނަގައިގެން ދަނިކޮށް، އެޖަނގިޔާ ފުލުހުން އަތުން ފޭރުނު މައްސަލައިގައި މީހަކު 8000 ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.
2013 ވަނަ އަހަރު ސެޕްޓެމްބަރު ހިނގި އެ ހާދިސާގައި ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ސާބިތުވެ، ޖުރިމަނާ ކޮށްފައިވަނީ އެރަށު ޑީޑީ ނައިޓް އަހްމަދު ކަމާލްއެވެ.
ކަމާލް މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމަށް ދައުވާ އުފުލައި އެދައުވާ ސާބިތުވުމާއި ގުޅިގެން 3 މަސް ދުވަހުގެ ތެރޭގައި އެފައިސާ ކޯޓަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން އެތައް ބަޔަކު ޖުރިމަނާ ކޮށްފައިވާ އިރު ދާދިފަހުން ގަލޮޅު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަހްމަދު މަހްލޫފް ވަނީ 4 މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.