Last Updated: May 18, 14:59
Saturday, May 18, 2024
ރިޕޯޓް

ސިޔާސީ ފައިދާއަކަށް ފޭއްސާ އިލޮށި އަމިއްލަ ލޮލަށް ހެރިދާނެ!

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ، ރައްޔިތުންގެ މަޖިލީހުން އަވަސް އަރުވާލާފައި ފާސްކުރުމަށް މަސައްކަތް ކުރަމުން ގެންދާ، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ މައްސަލައިގައެވެ. މަޖިލީހަށް ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިވާ ބިލާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި، އާންމު ރައްޔިތުން، ނޫސްވެރިން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގިނަ ބައެއްގެ ފާޑުކިޔުމާއި ކަންބޮޑުވުންތައް ހުރި ނަމަވެސް، ވެރިކަން ކުރާ ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދެކިވަޑައިގަންނަވާ ގޮތުގައި، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރުމަކީ، "ކޮންމެހެން ކުރަން ޖެހިފައިވާ" މަސައްކަތެކެވެ. އެބޭފުޅުން އެބިލްގެ ދިފާޢުގައި ދައްކަވާ ވާހަކަތައް ވެސް ވަރަށް ގިނައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލަށް ބަލާއިރު، އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެގެންދާނެ ބަޔަކީ ނޫސްވެރިންނެވެ. މިސާލަކަށް ސިޔާސީ ބޭފުޅަކު ދައްކާ ވާހަކައެއް ނޫހުގައި ރިޕޯޓް ކުރުމުގެ ކުރިން، އެމީހެއްގެ ބަހެއް ހޯދަން ޖެހޭނެ ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ވެއެވެ. އެހެންކަމުން ސިޔާސީ ބޭފުޅާ ފޯނަށް ޖަވާބު ނުދެއްވައިފި ނަމަ އެ ވާހަކަ ނޫހުގައި ރިޕޯޓް ކުރުމުގެ ފުރުސަތެއް ލިބިގެން ނުދާނެއެވެ.

ދެން އޮތީ ކޯޓުތަކުގައި ހިނގާ ޝަރީޢަތްތަކުގެ ވާހަކައެވެ. މިސާލަކަށް ކޯޓެއްގައި ހިނގާ މައްސަލައަކާއި ބެހޭ ޚަބަރު ރިޕޯޓް ކުރަންޖެހޭނީ ވަކި ގޮތަކަށް ކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ، ކޯޓުން އަންގާ ގޮތެއްގެ މަތިން ނޫނީ އެ ޚަބަރެއް ރިޕޯޓް ނުކުރެވޭނެއެވެ. ކޯޓުން "ވައްކަމުގެ ކުށުގައި އަލީ ޖަލަށް ލައިފި" ކަމަށް ބުނެ މީޑިޔާތަކަށް ފޮނުވާ މެސެޖްގައި ވާ އިބާރާތައް އެއްވެސް ބަދަލެއް ނުގެނެސް ރިޕޯޓް ކުރުން ނޫންގޮތެއް މީޑިޔާތަކަށް ނޯންނާނެއެވެ.

މިފަދަ އެތައް ކަމެއް ހުރި އިރުވެސް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވިދާޅުވާ ވާހަކަ އަކީ، އެ ބިލަކީ ވަރަށް "ބަރާބަރު ބިލެއް" ކަމަށާއި ކޮންމެ ގޮތެއް ހަދާފައި ވެސް ފާސްކުރަން ޖެހޭ ބިލެއް ކަމަށެވެ.

ބަދަލު ހިފުމާއި ސިޔާސީ ފައިދާއަށް ޤާނޫނު ފާސްކުރުމާއި ބަދަލުކުރުން

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚަށް ބަލާއިރު، ބަދަލު ހިފުމުގެ ރޫޙުގައި ޤާނޫނުތައް ފާސްކުރުމާއި މަޖިލިސް މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރުމަކީ އަބަދުވެސް ހިނގާ ކަމެކެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ އޭރުގެ އިދިކޮޅު ޑީއާރްޕީ އަދި ޕީއޭ ގުޅިގެން މާލިއްޔަތު ޤާނޫނަށް އިސްލާޙްތައް ގެނެސް ސަރުކާރަށް ދަތިކޮށްލިއެވެ. މަޖިލީހުގެ ހުއްދަ އާއި ނުލައި ލޯނެއް ނުނެގޭނެ ގޮތަށް ހަމަޖެއްސިއެވެ.

އެހެން ނަމަވެސް އެ އިސްލާޙް ފާސްކުރުމަށް އިސްކޮށް މަސައްކަތް ކުރެއްވި، ޕީއޭގެ އޭރުގެ ލީޑަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ހިސާބުން، މާލިއްޔަތު ޤާނޫނަށް އޭރު ގެނައި އިސްލާޙްގެ ބުރަ ޚުދު އެމަނިކުފާނު އުފުއްލަވަން ޖެހިވަޑައިގަތެވެ. މަޖިލިސް މެދުވެރިކުރައްވައި ޖެހިވަޑައިގަތީ، ކުރިން ވެސް އޮތް ގޮތަށް މަޖިލީހުގެ ހުއްދަ ނެތި ލޯނު ނެގޭ ގޮތަށް ހަމަޖެއްސުމަށެވެ.

ޓެރަރިޒަމްގެ ޤާނޫނަކީ، ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެންމެ ބޮޑު ބިރުވެރިކަން ވެސް މެއެވެ. ޖަލްސާއެއްގައި ދައްކަވާ ވާހަކަ އަކުން ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލެވޭ ހިސާބަށް ކަންތައް މިވަނީ ގޮސްފައެވެ.

ޓެރަރިޒަމްގެ ޤާނޫނު ފާސްކުރުމަށް ފަހު އެންމެ ފުރަތަމަ ސިޔާސީ ފަރާތްތަކަށް އެ ޤާނޫނުގެ ދަށުން ދައުވާ ކުރި އިރު، ހުންނެވި ޕީޖީ މުހްތާޒް މުހުސިން ވިދާޅުވީ، ޓެރަރިޒަމްގެ ޤާނޫނަކީ ވަރަށް ފުރިހަމަ ޤާނޫނެއް ކަމަށެވެ. މުހުތާޒުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަކީ ވެސް ޓެރަރިޒަމްގެ ޤާނޫނަށް ސަނާ ކިޔައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އޭރެ މުހުތާޒް އާއި އަދީބުއަށް ވެސް ޤަބޫލުކުރެވިފައި އޮތީ، ޓެރަރިޒަމްގެ ޤާނޫނުން ވަކި ބަޔަކަށް ކެހިދީފައި ރައްކާތެރިކަމުގައި އުޅެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އާޚިރުގައި ކަން ވެގެން ދިޔައީ އެހެނެއް ނޫނެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުންނެވެ.

ކުރީގެ ނައިބު ރައީސް އަދީބު މޭޑޭގައި ފިސްތޯލައެއް ގެންގުޅުނުކަމުގެ ދައުވާ ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމަކާއި، ރިޔާސީ ލޯންޗުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން އިއްވާފައިވާ 15 ހުކުމާއި އެކު، ޓެރަރިޒަމްގެ ޤާނޫނުގެ ހިތިކަން އަދީބުއަށް ވެސް ތަޖުރިބާކުރައްވަން ޖެހިވަޑައިގަތެވެ. މިއީ، ބޭއިންސާފު އާންމު ވެއްޖެ ނަމަ އޭގެ ސަބަބުން އެއްވެސް މީހަަކަށް ރައްކާތެރިކަމެއް ނޯންނާނެކަން ހާމަވެގެންދާނެ ކަމެކެވެ.

ރައީސް މުޙައްމަދު ނަޝީދު، ކާނަލް ނާޒިމް އަދި ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން އިއްވި ޙުކުމްތައް "ބަރާބަރު" ކަމަށް ވިދާޅުވެ އެ ޙުކުމްތައް ދިފާޢުކުރެއްވި އަދީބު އާއި މުހުތާޒްގެ އަރުތެރޭގައި މިއަދު ޓެރަރިޒަމްގެ ޤާނޫނުގެ ހިތިރަހަ ލާނެކަން ކަށަވަރެވެ. ބޭއިންސާފަކީ ކޮބައިކަން މިއަދު އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަން ކަށަވަރެވެ.

ސިޔާސީ ވާދަވެރިކަމުގައި، ވަކި ބަޔަކަށް ގޯނާ ކުރުމަށް ޤާނޫނުތައް ފާސްކޮށްގެން ޕާޓީ ރޫޙުގައި ހެވިދިއްލިފައި ތިއްބަވަނިކޮށް ކޮންމެ މީހަކާއި ވެސް ބޭއިންސާފު އަރައި ހަމަކޮށްފާނެކަން މި ދިވެހި ޤައުމުގެ ތާރީޚު ހެކިދެއެވެ. އެއީ މިއަދު އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރުމަށް މަޖިލީހުގައި މަސައްކަތް ކުރައްވާ މެންބަރުން ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމެކެވެ.

މާދަމާ ވެސް ވެރިކަން ބަދަލުވެދާނެއެވެ. ޤައުމުގެ ސިޔާސީ މަސްރަޚް ފުރޮޅިދާ ގޮތަކުން، ތިމާ ބޭއިންސާފް ތަޙައްމަލް ކުރަން ނުޖެހޭނެ ކަމަށް ނަމުގެ ކުރިއަށް 'ޢިއްޒަތްތެރިމަޖިލިސް މެންބަރުން ޤަބޫލުކުރުމަކީ، މޮޔަ ކަމެކެވެ. އެދުވަހަކުން ފަހަރެއްގައި މިއަދު ސިޔާސީ ވާދަވެރިންގެ އަނގަ ބަންދުކުރުމަށް ފާސްކުރަން މަސައްކަތް ކުރައްވާ އަބުރު ރައްކާތެރިކުރުމުގެ ބިލަކީ، ހިތި ޒަހަރަކަށް ހަމަ ވެދާނެއެވެ. މިއީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ޝަރުޢީދާއިރާ، މަޖިލިިސް މެންބަރުން އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރި ހުރިހާ މަގެއް ބަންދު ކުރެވޭ ފަދަ ގޮތަކަށް އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރުމުގެ ކުރިން ކޮންމެ މެންބަރަކު ވެސް ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ.

ސިޔާސީ ފައިދާއަކަށް ރައްޔިތުންގެ އަނގަ ބަންދުކުރުމަށާއި މީޑިޔާތަކުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުން ގެންދަވާ މެންބަރުން، މޭފުއްޕާފައި ފަޚުރުވެރިވެފައި ހުރެއް ދައްކަވާ ސިޔާސީ އާރާއި ބާރު ނެތިދާ ދުވަަހަކުން، މިއަދު ވަކި ބަޔަކަށް އަނިޔާވެރިވާން ތިމާ ފޭއްސާ އިލޮށި އަމިއްލަ ލޮލަށް ހެރުމަކީ އެކަށީގެންވާ ކަމެެކެވެ.