2015 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކުރިކެޓު ކުޅުންތެރިޔާގެ އެވޯޑަށް އަބްދުﷲ ޝާހިދު ހޮވައިފިއެވެ.
ރޭ މާލޭގައި ބާއްވާފައިވާ ކްރިކެޓް ހަވީރުގައި ކްރިކެޓުގެ އެކި ވަނަތަކާއި ޝަރަފުތައް ހާސިލުކޮށްފައިވާ ކުޅުންތެރިންނަށް އިނާމުދީފައެވެ. އަދި މީގެ އިތުރުން ކްރިކެޓް ބޯޑަށް 20 އަހަރު ފުރުންވެސް ރޭގައި ވަނީ ފާހަގަކޮށްފައެވެ.
ކްރިކެޓާ އޮފް ދަަ އިޔާގެ މަގާމު ހާސިލުކޮށްފައިވާ އަބްދުﷲ ޝާހިދަކީ 2010 ވަނަ އަހަރު އޭސީސީ ކްރިކެޓް މުބާރާތް ރާއްޖެ ކާމިޔާބުކުރިއިރު މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ.
އެންމެ މޮޅު ބެޓްސްމެން އަކަށް ހޮވިފައިވަނީ ޒުވާން ކުޅުންތެރިޔާ އަހުމަދު ރިޝްވާނެވެ. އެންމެ މޮޅު އުކުންތެރިޔަކަށް ހޮވިފައިވަނީ މުހައްމަދު މަހުފޫޒެވެ.
މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ ޔޫސުފް އަޒްޔާން ފަރުހަތެވެ. އެންމެ ހިދުމަތްތެރި ކޯޗަކަށް ސަންޖީވަ ކަސުން ޗަންދުރަކަންތާ ހޮވިފައިވާއިރު މިދިޔަ އަހަރު ކުރިކެޓުގައި އެންމެ ހަރަކާތްތެރިވި ސްކޫލަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލެވެ.
އެންމެ ހަރަކާތްތެރި ކުލަބަކަށް މާލޭ ސްޕޯޓްސް ކުލަބު ހޮވާފައިވާއިރު އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް އެވޯޑް ލިބުނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ލިރުގާމް ސައީދު (ލަރޭ) އަށެވެ.
މިދިޔަ 20 އަހަރުގެ ތެރޭގައި ކްރިކެޓަށް ހާއްސަ ހިދުމަތްތަކެއް ކުރެއްވި ފަރާތްތަކަށް ދިން ހާއްސަ އިނާމް ކުރީގެ ރައީސް އަދި ރާއްޖޭގައި ކްރިކެޓް ދިރުވުމަށް ގިނަގުނަ މަސައްކަތްތަކެެއް ކުރެއްވި މައުމޫން އަބްދުލްގައްޔޫމަށް އަދި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނަށް ވަނީ ދެއްވައިފަ އެވެ.
މީގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ކެނެރީ އަބްދުއްސައްތާރާއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަދި ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސެއިން އަފީފަށް ވެސް ވަނީ މި އިނާމް ދެއްވައިފަ އެވެ.
ރޭގެ ހަފްލާގައި 2010 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު އޭސީސީ ކްރިކެޓް މުބާރާތް ކާމިޔާބުކޮށް ރާއްޖެއަށް ރީތި ނަން ގެނެސްފައިވުމުން ކްރިކެޓް ބޯޑުގެ ރައީސަށް ހަނދާނީ ފިލާ އެއް އަރުވާފައިވެއެވެ.
އަދި ކްރިކެޓް ބޯޑުގެ ފަރާތުން ކްރިކެޓު ކުރިއެރުވުމާއި ހިންގުމަށް އެހީތެރިވެ ސްޕޮންސާ ދީފައިވާ ބީއެޗެއެމް ޓްރޭޑާސް އާއި ނެސްލޭ މައިލޯ އާއި އެސްޓީއޯ އާއި އޯލް ސްޕޯޓްސް އަދި މޯލްޑިވްސް އެރޭޓޭޑް ވޯޓާ ކޮމްޕެނީ ލިމިޓެޑަށް ވަނީ ޕާޓްނާޝިޕް އެވޯޑް ދީފަ އެވެ.