Last Updated: July 28, 11:35
Tuesday, July 28, 2026
ރިޕޯޓް

އަލީގެ މަރަށް 155 ދުވަސް، އަދިވެސް ތަހުގީގުގައި!

އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން.

މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހު ހިތަދޫ އަލަ އޮޅެއްގެ ތެރޭގައި މަރާލައިފައި އޮއްވައި ފެނުނު އެެ ރަށު ވިޔަފާވެރިޔާ އަލީ އަބްދުﷲ ގެ މަރަށް މިއަދު 155 ދުވަސް ވެގެން ދިޔައީ އެވެ.

އަލީ އަބްދުﷲ މަރާލުމުގައި ބައިވެރިވި މީހުން ހޯދައި އެމީހުންނަށް ޙައްޤު އަދަބު ދިނުމަށް ކުރެވޭ މަސައްކަތް ދިގުލައިގެންދާތީ އޭނާގެ އާއިލާގެ މީހުންނާއި އަދި އެކުވެރިންނާއި މުޅި އައްޑޫގެ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

އަނިޔާވެރިގޮތަކަށް މަރާލުމަށް ފަހު އަލީ އަބްދުﷲ އެއްލާލާފައި އޮތްވައި ފެނުމާއި އެކު މުޅި އައްޑޫގެ ރައްޔިތުން ލޮލުން ކަރުނަ ހިލިގެން ދިޔަ ކަމެކެވެ. އޭނާ އަކީ، ގިނަ ބައެއްގެ އެކުވެރިއެއްގެ އިތުރުން ހިތްހެޔޮ ކަމާއި ދީލަތި ކަމުގެ ނަމޫނާ މީހެއްގެ ގޮތުގައި އަލީ ދަންނަ އެންމެން ބުނެއެވެ. އަލީ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ހިނގާލުމަކީ ފަހުގެ ތާރީޚެއްގައި ސިޔާސީ ކަމެއް ފިޔަވައި އެހެން ކަމެއްގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުތް ފަހަރަށް ވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މާލެ ނޫން ސަރަހައްދަކުން ތަހުގީގަށް ހައްޔަރު ކުރެވޭ މީހުން މައްސަލައިގެ ކުޑަ ބޮޑު މިނަށް، ތަހުގީގު މަސައްކަތް އަވަސްކޮށް، ފަސޭހަ ކުރުމުގެ ގޮތުން މާލެ ގެންދިއުމަކީ ފުލުހުން އާންމު ގޮތެއްގައި ކަން ކުރާ އުސޫލެކެވެ. އެގޮތުން އަލީ އަބްދުﷲގެ މަރާލި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ މާލެ ގެންގޮސްފައެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އިސާހިތަކު އަލީ މަރާލި މައްސަލަ ޝަރީޢަތަށް ފޮނުވައި އެކަމުގެ އަޑީގައި ތިބި މީހުންނަށް ޙުކުމް ކުރެވިގެންދާނެ ކަމަށެވެ.

އަލީގެ ހަށިގަނޑު ނަގައިގެން އެމްބިއުލާންސަށް އަރުވަނީ: އޭނާ ފެނުނީ މަރާލައިފައި އެއްލާލައިފައި އޮޮއްވާ -- ފޮޓޯ: ކިއުންތެރިއެއް
އަލީގެ ހަށިގަނޑު ނަގައިގެން އެމްބިއުލާންސަށް އަރުވަނީ: އޭނާ ފެނުނީ މަރާލައިފައި އެއްލާލައިފައި އޮޮއްވާ — ފޮޓޯ: ކިއުންތެރިއެއް

ނަމަވެސް އޭގެ ފަހުން 3 މަސް ވެގެން ދާއިރު ވެސް ރައްޔިތުންނާއި އަލީގެ އާއިލާގެ ކަންބޮޑުވުން، އަދިވެސް ހުރީ އެގޮތުގައެވެ. އަލީއަށް ހެޔޮއެދޭ މީހުންގެ ހިތްތަކަށް ތަސައްލީއެއް ލިއްބައިދޭ ފަދަ އެއްވެސް ވާހަކައެއް ފުލުހުންގެ ފަރާތުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

" މި މައްސަލައިިގެ ތަހްގީގު އަދި ނުނިމޭ. އެހެންވެ އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރެވޭކަށް ނެތް. މައްސަަލަ ނިމުނުހާ އަވަހަކަށް ދައުވާ ކުރަން ފޮނުވާނަން،" 'އައްޑޫލައިވް' ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފާއިތުވި ޖުލައި މަހުގެ 13 ވަނަ ދުވަހު ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މަރުގެ މައްސަލަތައް ހަފްތާއެއްގެ ތެރޭގައި އަދި ދެތިން ދުވަހުން ވެސް ތަހުގީގްކޮށް ނިންމައި ޝަރީޢަތަށް ފޮނުވައި ޙުކުމް އިއްވާފައިވާއިރު އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގް ލަސްވެގެން ދިއުމަކީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ހުރި ކަމެކެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އަލީ އަބްދުﷲގެ ގާތް ރައްޓެސަކު ބުނިގޮތުގައި، ކޮންމެ ހަފްތާއަކު ހެން ފުލުހުންނަށް ގުޅައި މައުލޫމާތު އޮޅުންފިލުވާ ކަމަށާއި، އަބަދުވެސް ލިބޭ ޖަވާބަކީ ތަހުގީގު ކުރިއަށްދާ ވާހަކަ ކަމަށެވެ.

"ހަފްތާ އަކު އެއްފަހަރު އަޅުގަނޑުމެން ގުޅަން. އަބަދުވެސް ވިދާޅުވަނީ ތަހުގީގު ކުރިއަށް ދެއޭ. ބައްލަވާ ވަރަށް ގާތް މީހެއް އަލީ އަކީ، ބޮޑު ސިޔާސީ މީހަކަށް ނުވިޔޭ ކިޔާފައި މައްސަލަ ފިނިހަކަ ސްޕީޑްގައި ކުރިއަށް ގެންދާކަށް ނުޖެހޭ. ކޮބައިތޯ ގާނޫނުގައި ބުނާ ހަމަހަމަކަން."

މައްސަލަތަކުގެ ތަހުގީގު ދިގުލައިގެން ދިއުމަކީ، އިންސާފު ލިބުމަށް އޮތް ހުރަހެކެވެ. އެކަން ޙައްލުކުރުމަށް ޤާނޫނުތައް އެބަހުއްޓެވެ. މައްސަލައަކީ ޤާނޫނުގައި ވާގޮތަށް ޢަމަލުނުކުރެވުމެވެ.

މަރުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ ވަނީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް އިސްލާޙުތަކެއް ހުށަހަޅާފައެވެ. އެ އިސްލާޙްތައް މަޖިލީހުން ފާސްވެ ޢަމަލުކުރުން ލާޒިމް ވެފައިވާއިރު ހިތާމައަކީ، އަދިވެސް މަރުގެ ބައެއް މައްސަލަތަކުގެ ތަހުގީގު ދިގުލައިގެންދާކަމެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ވަނީ ދަޢުވާކުރުމާއި މައްސަލަތައް ނިންމުމުގެ މުއްދަތު ބަޔާންކޮށްފައެވެ. އެގޮތުން އެ ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބުނެފައެވެ.

އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން.
އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން.
    ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު

5 ވަނަ މާއްދާ: ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުން.

6 ވަނަ މާއްދާ: ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވުން

7 ވަނަ މާއްދާ: މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން.

8 ވަނަ މާއްދާ: މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާޜާމާރީ ހިންގުން

9 ވަނަ މާއްދާ: ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން

އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން.
އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލައިގެ ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމުވާނެއެވެ،"

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށި ނަމަވެސް މަރުގެ ބައެއް މައްސަލަތަކުގެ ތަހުގީގު ދިގުލައިގެން ދިއުމަކީ މައްސަލައެކެވެ.

ފުލުހުންގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި މަރުގެ ހުރިހާ މައްސަލައެއް އެންމެ 15 ދުވަހުގެ ތެރޭގައި ނިންމުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

" 15 ދުވަހުގެ ތެރޭގައި ނިންމުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. މައްސަލަ އަވަސް ކުރަން ޖެހޭ. އެކަމަކު ބޭނުން ވަނީ އިންސާފު ހޯދަން ކަމަށް ވާނަމަ ކުރެވޭ ތަހުގީގަކީ ފުރިހަމަ ތަހުގީގަކަށް ވާން ޖެހޭ. އަވަސް އަރުވާލާފައި ކުރާ ތަހުގީގަކުން އިންސާފަށް ހުރަސް އެޅިދާނެ."

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ވަނީ ޢަދުލު އިންޞާފު ޤާއިމުކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި މުއްދަތުތައް ކޮންމެހެން އިތުރުކުރަންޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެ ކަމަށް ބުނެފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލަކު ބުނީ، މަރުގެ މައްސަލަތައް އަވަސް އަރުވާލާފައި ފުލުހުން ތަހުގީގް ކުރުމުގެ ސަބަބުން ބައެއް ފަހަރަށް، މައްސަލަ ސާބިތުކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އޭގައި އެބައޮތް ދެކޮޅަށް ވާހަކަ ދެއްކެން. މިސާލަކަށް އަވަސް އަރުވާލައިފި ނަމަ ބައެއް ކަންތައް އިގްނޯ. އަދި ހަމަ ލަސްވެއްޖެ ނަމަވެސް އުނދަގޫވާ ޙާލަތްތައް އެބަހުރި. ތިޔަ ކޭސްގައި އަޅުގަނޑަށް ހީވަނީ ވަރަށް އޮބްވިއަސް ހެން މާޑަރާ. ދެން ފުލުހުން ދެއްތޯ ގޮތެއް ނިންމަވާނީ."

އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ދިއުމަކީ، އިންސާފު ލިބުމަށް އޮތް ބޮޑު ހުރަހެކެވެ. އެ މައްސަލައިގެ ތަހުގީގު އަވަހަށް ނިމިގެން ދިއުމަކީ، އައްޑޫގެ ކޮންމެ ރައްޔިތަކު ވެސް އެދޭ އެދުމެކެވެ. އެއީ އަލީ އަބްދުﷲގެ އާއިލާ އާއި ހެޔޮއެދޭ އެންމެންގެ ވެސް އެދުމެކެވެ.