Last Updated: May 6, 14:56
Monday, May 6, 2024
ޚަބަރު

ރައްޔިތުންނާ ބައްދަލު ކުރުން އަންނަ ހަފުތާގައި

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމާއި އައްޑޫގެ ތަރައްގީ އަށް ކުރަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަން ބާއްވާ ބައްދަލުވުންތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.

ބައްދަލުވުންތައް ބާއްވަން ޖެހިފައިވަނީ މި މަހުގެ 9، 10 އަދި 11 ގަ އެވެ.

ކައުންސިލުން ބުނި ބައްދަލުވުންތަކުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓް ހުށަހެޅުމާއި 2017 ވަނަ އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނާނެ ކަންކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތު ދޭ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

ހިތަދޫ ބައްދަލުވުން އޮންނާނީ މި 9 ވަނަ ދުވަހުގެ ރޭ ކައުންސިލް އިދާރާގަ އެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ 10 ވަނަ ދުވަހުގެ ރޭ މަރަދޫފޭދޫ ސްކޫލުގެ ހޯލްގަ އެވެ.

ހުޅުމީދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނީ 11 ވަނަ ދުވަހުގެ ރޭ އަތޮޅު މަދުރަސާގެ ހޯލުގައެވެ.

ކައުންސިލް އިދާރާއިން ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް މައުލޫމާތު ދޭން ބައްދަލުވުންތައް ބާއްވަ އެވެ.

އެކަމަކު ރައްޔިތުންގެ ފަރާތުން މި ބައްދަލުވުންތަކަަށް މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަ ކުރެވެ އެެވެ.