ދިވެހި ކެބިން ކްރޫ އެކަޑަމީން ކުރު ކޯސްތަކެއް އައްޑޫގައި ބޭއްވުމަށް އެ އެކަޑަމީން ނިންމައިފި އެވެ.
މާޗް 5 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހާ ބެހޭ ގޮތުން އެކަޑަމީގެ ފައުންޑަރު ހަސަން ހަލީމް "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ވިދާޅުވީ އައްޑޫގައި ބާއްވާ ކޯސްތަކަކީ އެ އެކަޑަމީގެ ހަތަރު ވަނަ ބެޗްގެ ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫގައި މި ކޯސް ބޭއްވުމުގެ މަގްސަދަކީ އައްޑުއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވެފައި ގިނަ ކުދިންތަކެއް ސްކޫލް ނިންމާފައި ވަޒީފާ ނެތި ތިބި އިރު އެކުދިންގެ ތެރެއިން ޤާބިލް، ކަމަށް އެކަށީގެންވާ ކެބިން ކްރޫން ރެކްރޫޓު ކުރުން ކަމަށެވެ.
"ވަރަށް ޕޮޓެންޝަލް ކުދިން އެބަތިބި އައްޑޫގައި. އެހެންވެ މާލެ ފިޔަވައި އައްޑޫގައި މި ކޯސް މި ބާއްވަނީ،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ކޯހުގައި ކިޔަވައިދޭނީ ރާއްޖޭގެ ފްލައިޓްތަކުގެ ކްރޫކަން ކޮށްފައިވާ ދިވެހި ޓްރެއިން ކްރޫންކަމަށެވެ.
އެގޮތުން ކޯސްތައް ކުރިއަށްދާނީ މޮޑިއުލްސްތަކަކަށް ބަހާލައިގެން ކަމަށް ހަލީމް ވިދާޅުވިއެވެ.
"ކޯސް ކުރިއަށްދާނީ ތިއަރީގެ އިތުރުން ޕްރެކްޓިކަލް ސެޝަން ތަކަކާއި އެކު. އަދި ކޮންމެ މޮޑިއުލްއެއް ނިމުމުން އިމްތިހާނެއް ދެވޭނެއެވެ"
އެގޮތުން ކޯހުގައި ދެވޭ އިމްތިހާން ކުރިއަށް ގެންދާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ބޭފުޅުން ކަމަށް ހަލީމް ވިދާޅުވި އެވެ.
އައްޑޫގައި ކުރިއަށްގެންދާ ކޯހުގެ ބޭސިކް ކޯސް ފީއަކީ 3855.00ރ. އެވެ. އަދި ކޯހުގެ މުއްދަތަކީ 5 ދުވަހެވެ.
އެޑްވާންސް ކޯހުގެ ފީއަކީ 7710.00ރ. އެވެ. މުއްދަތަކީ 11 ދުވަހެވެ.
ހަލީމް ވިދާޅުވީ މި ކޯހުގައި ބައިވެރިވުމުގެ ޝައުގު ހުރި ފަރާތަކުން 9749700 އަށް ނަމާއި އެޑްރެސް ޖެއްސުމަށް ފަހު އެސްއެމްއެސް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީހަކީ ފެބްރުއަރީ 25 ކަމަށެވެ.