Last Updated: May 14, 22:22
Tuesday, May 14, 2024
ޚަބަރު

ދުޢާ ކުރަނީ ދައްކަން، ހުއްޓުވާނަން: ފުލުހުން

ކޮންމެ ހުކުރު ދުވަހަކު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރަނީ، އިސްލާމް ދީނުގައި އެކަން އޮންނަ ގޮތަށް ނޫން ކަމަށާއި، އެއީ ގިނަ ބަޔަކަށް ދައްކަން ކުރާކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ފުލުހުންގެ ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަން ކޮމާންޑް ހަމްދޫން ރަޝީދު ވިދާޅުވީ، ފުލުހުން ނިކުމެ ދުޢާ ކުރުން ހުއްޓުވަނީ ބަދު ދުޢާ ކުރާތީ ކަމަށެވެ. އަދި އެފަދަ ދުޢާއެއް ނުކުރެވޭނެ ކަމަށް ހަމްދޫން ވިދާޅުވިއެވެ.

ހަމްދޫން ވިދާޅުވީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ބަދު ދުޢާ ކުރުމަކީ ﷲ ރުހިވަޑައިނުގަންނަވާ ކަމެއް ކަމަށެވެ. އެހެންވެ އެކަން ފުލުހުން ހުއްޓުވާނެ ކަމަށެވެ.

ބަދު ދުޢާގެ ގޮތުގައި ބަލަނީ ކޮންއެއްޗެއް ކިއުމުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ހަމްދޫނު ޖަވާބެއް ނުދެއްވިއެވެ.

ނަމަވެސް ހަމްދޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ހިންގަނީ ސިޔާސީ ހަރަކާތެއް ކަމަށާއި އެކަމުގައި އާއްމު ރައްޔިތުން ބައިވެރި ނުވުމަށް ހަމްދޫން އިލްތިމާސް ކުރެއްވިއެވެ.

އަނިޔާވެރިކަމާއި ދެކޮޅަށް ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ކުރަން ފެށި ދުއާ، މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ވެސް ކުރަން ފަށާފައެވެ. އެގޮތުން ނިމިގެން ދިޔަ ހަފްތާގައި އައްޑޫގެ ދެ މިސްކިތެއްގައި ދުއާ ކުރުން އޮތެވެ.