Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ރައީސް ޔާމީނަށް ތާއިދު އޮތް މިންވަރު ބަލަނީ

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން އަދި މިނިސްޓަރ ޠޯރިގް އިތުރުން ބައެއް މަޖްލިސް މެމްބަރުން، އިއްޔެ ނ އަތޮޅުގައި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް އަބްދުﷲ ޔާމީންއަށް ތާއިދުއޮތް މިންވަރު ބެލުމުގެ ހާއްސަ މަސައްކަތެއް ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސްގެ މެމްބަރުންނާއި، ބައެއް ވަޒީރުން އަދި ސިޔާސީ ފަރާތްތައް ހިމެނޭ ގޮތަށް ކޮމެޓީ ހަދައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތަކެއް ވަނީ ފަށާފައެވެ.

އެގޮތުން އިއްޔެ ނ. އަތޮޅަށްވެސް ވަނީ ޓީމެއް ގޮސްފައެވެ. ސަރުކާރުން ފޯރުކޮށްދޭން ފަށާފައިވާ މަޝްރޫއުތައް ހިގަމުންދާ ގޮތް ބަލައި، އެކަންކަން އަވަސް ކުރުމަށް ކުރެވޭނެ ކަންކަން ބެލުމަށްކަމަށް ބުނެ ފަށާފައިވާ ދަތުރުތަކުގައި ގިނަ ރަށްތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ މަޖްލިސް މެމްބަރަކު "އައްޑޫލައިވް"އަށް ވިދާޅުވީ، ރައީސް ޔާމީން އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދެމެދު ޕާޓީ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުމާއި ގުޅިގެން މަޖްލިސް މެމްބަރުންނާއި، އެކި ސިޔާސީ ފަރާތްތައް މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީންއަށް އަތޮޅު ތެރޭގައި ތާއިދު އޮތް މިންވަރު ބަލަމުން އަންނަ ކަމަށެވެ.

"ރައީސް ޔާމީންގެ ތާއިދު އޮތް މިންވަރު ބަލާއިރު، މިފެންނަނީ ހަގީގަތުގައި ގިނަ ބަޔަކު ތިބީ ރައީސް މައުމޫނާއި އެކު ކަން، ރަށްތަކަށް ޒިޔާރަތް ކުރާ ޓީމްތަކަށް އެކަން ފެންނަމުން އެދަނީ"

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ރަށްރަށުން، ޓީމްތަކަށް ހުރަސް އަޅައި، ރައްޔިތުންގެ ޝުއޫރުތައް އަންނަނީ ފާޅު ކުރަމުންނެވެ.

ރައީސް ޔާމީންގެ ތާއިދު އޮތް މިންވަރު ބަލަމުން އަންނަ އިރު ބައެއް މަޖްލިސް މެމްބަރުން ނުސީދާކޮށް، ރައީސް ޔާމީންއާއި ދެކޮޅަށްވެސް އެބަ މަސައްކަތް ކުރައްވައެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެންމެންވެސް ވަރަށް ގަދަކުރާ، އިހްތިރާމް ކުރައްވާ ބޭފުޅެއް ރައިސް މައުމޫންއަކީ، އެބެފުޅާގެ ފަހަތުގައި އެބަތިއްބެވި މަޖްލިސް މެމްބަރުން، އަޅުގަނޑު ކޮންމެހެން އެއީ ކޮން ބައެއް ކަން ބުނާކަށް ނެތިން، މިހާރު މަޖްލިސްގައި ކުރިއަށްދާ ހަރަކާތްތަކުން އެކަން މި ފެންނަނީ، ކޮންމެ ގޮތަކަށްވެސް ކަންތައް ހިގައިދާނެ"

މެމްބަރ ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރުމުން ރައްޔިތުންގެ ހިތުތެރޭގައި އުފެދިފައިވާ ރުޅިވެރިކަމުގެ ޝުއޫރު ފެންނަމުން އަންނަ ކަމަށެވެ.