Last Updated: April 29, 09:49
Monday, April 29, 2024
ޚަބަރު

ހިޔާލުފާޅުކުރުމުގެ ދިފާއުގައި ޖަލަށް ދާން ތައްޔާރު: އަލީ ހުސެއިން

ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ޖަލަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ކުރެއްވި ޓްވީޓަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހަޒިރުކޮށް، ކޯޓު އަމުރެއްގެ ދަށުން މޯބައިލް ފޯނު އަތުލާފައިވާ އަލީ ހުސެއިން ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިފާއު ކުރައްވަން ކުރަން އޮތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި އެކަމާއި ގުޅިގެން ޖަލަށް ދާން ޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށެވެ.

އަބުރު ރައްކާތެރި ކުރުމާއި ގުޅޭ ގޮތުން މަޖްލިސްއަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން އަންނަ އަލީ ހުސެއިން ވިދާޅުވީ އަމިއްލަ ނަފްސުގެ ދިފާއު ކުރުމުގެ ހައްގު އޮންނާނެ ކަމަށް ގަބޫލް ނުކުރާ ސަރުކާރަކަށް ރައްކާތެރިކޮށްދެވޭނެ އަބުރެއް ނޯންނާނެ ކަމަށެވެ.

އަލީ ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ފޯނު އަތުލާފައިވަނީ "ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފި ނަމަ އެމީހެއްގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކޮންމެ މީހަކަށް ވެސް ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގުލިބިގެންވާ ކަމަށް" ވިދާޅުވެ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.