Last Updated: April 30, 18:09
Tuesday, April 30, 2024
ރިޕޯޓް

ދަރިވަރުންނަށް މަރުޙާބާ

އުގެނުމަށް އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ ދީނަކީ އިސްލާމްދީނެވެ. މިއުއްމަތުގެ ނަބިއްޔާ އެކަލޭގެފާނުންގެ ޙަޔާތްފުޅުގައި އުގެނުމަށާއި އުގަންނައިދިނުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައި ވެއެވެ. އަޅުގަޑުމެންގެ ސައްތައިންސައްތަ މުސްލިމު މިކުޑަކުޑަ ގައުމުގައިވެސް ތައުލީމަށް ވަރަށްބޮޑު ހޭދައެއް ސަރުކާރުންނާއި ބެލެނިވެރިން ކުރަމުންދެއެވެ. ކޮންމެ ރަށެއްގައި މަދުރަސާތައްވަނީ ގާއިމުކުރެވިފައެވެ. އުގަންނައިދޭނެ ވަސީލަތްތަކާއި، ދޭސީ ބިދޭސީ މުދައްރިސުންނާއި އުސްތާޒުން އެބަތިއްބެވެ.

ގައުމެއްގެ ކުރިމަގު ބިނާ ކުރަނީ އެގައުމެއްގެ ކިޔަވާ ދަރިވަރުންނެވެ. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ބެނުންކުރެވޭ ވަސީލަތަކީ ދަރިވަރުންނަށްދެވޭ އިމްތިހާނު ތަކެވެ. ދިވެހިރާއްޖޭގެ ތައުލީމީނިޒާމު ބަރޯސާވެފައިވަނީ ސުވާލުކަރުދާސް މެދުވެރިކޮށްދެވޭ އިމްތިހާންތަކުގެ މައްޗަށޭ ދެންނެވުމަކީ ކުށަކަށްނުވާނެއެވެ.

ސްކޫލްތަކުންނާއި ބެލެނިވެރިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ގްރޭޑް 10 ނިމިގެން ބޭއްވޭ ކޭމްބްރިޖް އޯލެވެލް އިމްތިހާނަށެވެ. އިމްތިހާނުގެ ނަތީޖާ ވަރަށްވެސް ރަގަޅެވެ. ދުވަހުންދުވަހަށްދަނީ ކުރިއަށެވެ. އަހަރުންއަހަރަށް ފާސްވާ ކުދިންގެ އަދަދު ދަނީ އިތުވަމުންނެވެ. ނިމިދިޔައަހަރު އޯލެވެލްއިމްތިހާން ހެދިކުދިންގެ ނަތީޖާ ސްކޫލްތަކަށްލިބި ދަރިވަރުނަށް ނަތީޖާދޫކުރަން ފަށައިފިއެވެ. ތައުލީމީ ވުޒާރާ އިން އަދި ރަސްމީ ނަތީޖާ އިއުލާނެއް ނުކުރެއެވެ. އެހެނަސް ސްކޫލްތަކުން ހާމަކުރާ ގޮތުގައި 2012ގެ އޯލެވެލްއިމްތިހާނުގެ ނަތީޖާ އޭގެކުރީއަހަރާ އަޅާކިޔާއިރު ވަރަށްބޮޑުތަން ރަގަޅެވެ.

ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް ބައެއްސްކޫލްތަކުން އައްޑިހަ ޕަސެންޓާއި ނުވަދިހަ ޕަސެންޓަށްވުރެ މައްޗެވެ. އުފާކުރުން ހައްގު ނަތީޖާ އެކެވެ. ނިމިގެންދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެ ކާމިޔާބު ހޯދި އެންމެހައި ދަރިވަރުންނަށް މުބާރަކުބާދީއާއި ތަހުނިޔާ އަރިސްކުރަމެވެ.

ކިޔަވައިދެއްވި މުދައްރިސުންނާއި ބެލެނިވެރިންވެސް ޝާމިލްވާ ގޮތުގައެވެ. އަދި ވަކިންޚާއްސަކޮށް ރާއްޖޭގެ ނަމޫނާ ސްކޫލެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ، އައްޑޫސިޓީގެ، މިހާރުގެ ނަމުންނަމަ "ޝަރަފުއްދީނު ސްކޫލުން" މިދިޔައަހަރު ހޯދި ރެކޯޑް ކަމިޔާބީއަށްޓަކައި އެސްކޫލްގެ އެންމެހައި ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި ސްކޫލްގެ ވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަމެވެ.

ޝައްކެއްނެތް ފެންވަރުރަގަޅު ތައުލީމީ ނިޒާމެއްގެދަށުން ދަރިވަރުންނަށް އުގަންނައިދުމުގެ އެންމެ ބޮޑުމަގުސަދަކަށްވާންވާނީ ހަރުދަނާ އަޚުލާގެއްގެ ވެރި، ހުނަރުވެރި، ގާބިލު ދަރިންތަކެއްބިނާކުރުމެވެ. ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި ދަރިވަރުން ބައިވެރިވާ އިމްތިހާނަކުން އެކުދިން ފާސްވުމާއި ނުވުމަކީ އެކުދިންގެ އުފެއްދުންތެރިކަމާއި ވިސްނުންތެރިކަންހުރި މިންވަރާއި އެއްވެސް ގުޅުމެއް އޮތްކަމެއްނޫނެވެ. ސުވާލަކީ މިހާރު އަޅުގަޑުމެންގެ މިދިވެހިރާއްޖޭގައި ސުވާލު ކަރުދާސް މެދުވެރިކޮށްދެވޭ އިމްތިހާނުން ކުރީގައި ދެންނެވި މަގުސަދު އަޅުގަޑުމެންނަށް ހާސިލް ކުރެވޭތޯއެވެ؟

މިއަދު ކިޔަވައިގެން ނުކުންނަ ދަރިވަރުންއޯލެވެލް އިމްތިހާނުން ކިތެންމެ ރަގަޅު ނަތީޖާއެއް ހޯދި ކަމުގައިވިޔަސް ކުރިންދެންނެވި މަގުސަދު އެދަރިވަރުންނަށް ހާސިލްވެޔެކޭ ދެނެވޭކަށެއްނެތެވެ. އަޅުގަޑުމެންގެ ޒުވާނުންގެ ކިބައިގައި އިސްލާމީ ރިވެތި އާދަކާދަތަކާއި، އިސްލާމީ އަޚުލާގުގެ ކަންތައް ދުވަހުންދުވަށްދަނީ ހީނަރުވަމުންނެވެ. ގައުމުގެ ޒުވާނުން ކުށަށްއަރައިގަންނަ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ދީނީ ކަންކަމަށްދެވޭ އަހައްމިއްޔަތު ވަރަށްވެސް ކުޑައެވެ.އުފެއްދުންތެރިކަމާއި ހުނަރުވެރިކަންނެތުމުގެ ސަބަބުން ވަޒީފާއަށް ނާގާބިލު ޒުވާނުންގެ އަދަދު ދުވަހުންދުވަހަށްދަނީ އިތުރުވަމުންނެވެ. ޒުވާނުންގެ ވިސްނުން ބިނާވެފައިވަނީ "މާއްދިޔަތުގެ" މައްޗަށެވެ. ގިނަ ޒުވާނުންގެ ވިސްނުން ހުރީ، ހަލާލެއް ހަރާމެއް ބެލުމެއްނެތި މުދަލާއި ފައިސާއެންމެ ފަސޭހައިން ހޯދޭނެ ގޮތުގެ މައްޗަށެވެ.

ކިތެންމެ ރަގަޅުނަތީޖާއެއް ހޯދައިގެން ދަރިންތަކެއް މުޖުތަމައަށް ނެރުނުކަމުގައި ވިޔަސް އެދަރިވަރުންގެ ކިބައިގައި ރިވެތި އަޚުލާގުގެ މަތިވެރިސިފަނެތި، އެދަރިވަރުންނަކީ ހުނަރުވެރި، އުފެއްދުންތެރި ބަޔަކަށް ނުވާނަމަ އެމުޖުތަމައެއް ތަރައްގީއެއް ނުކުރެވޭނެއެވެ. އަދި އަމުޖުތަމައެއްގައި އަމާންކަމާއި ސުލްހަމަސަލަސް ކަމެއްވެސް ގާއިމެއްނުކުރެވޭނެ ކަންކަށަވަރެވެ. މިކަން ހައްލު ކުރެވޭނީ އަޅުގަޑުމެން ތައުލީމީދާއިރާގައި މަސައްކަތް ކުރާފަރާތްތަކާއި އެންމެހައި ބެލެނިވެރިން މިކަމަށް ސަމާލުކަން ދީގެންނެވެ. ޚާއްސަކޮށްކަމާބެހޭ ހުރިހާފަރާތްތަކަކުން މިކަންކަމާމެދު "ޕޮޒިޓިވްތިންކިންގ" އަކުންވިސްނައިގެންނެވެ. އަޅުގަޑުމެންގެ ތައުލީމީނިޒާމް ހެޔޮގޮތުގައި މެނޭޖް ކުރެވިގެންނެވެ.