Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ކުނި ނަގާ އަގު ވަރަށް ބޮޑު، ކުނީގެ މައްސަލަ އަދި މާބޮޑު: ސޯބެ

އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި، ކުނީގެ މައްސަލަ ބޮޑުވެފައިވަނީ ގާނޫނޫ އަސާސީގެ 8 ވަނަ ބާބުން ރައްޔިތުންނަށް ލިބުނު ބަސްބުނުމުގެ ހައްގު "ވަގަށް" ނެގުމުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވާލުމުގެ ސަބަބުން ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ، ކުނީގެ މައްސަލަ އައްޑޫއަށް ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. އަދި އެކަމަށް ނަގަން ނިންމާފައިވާ އަގު ވަރަށް ބޮޑުކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ހަފްތާއަކު ތިން ދުވަހު ކުނި ނެގުމަށް 159 ރުފިޔާއަކީ ބޮޑު އަދަދެއް ކަމަށާއި، ރައްޔިތުންނާއި ވާހަކަ ދައްކައިގެން އަގު ކަނޑައަޅަން ޖެހޭ ކަމަށެވެ.

ސޯބެ ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއި އެކު ވެރިކަންކުރުމަށް އެކުލަވާލި ލާމަރުކަޒީ ގާނޫނު ފުޑާލައި، ރައްޔިތުންގެ ބައިވެރިވުން ނެތި ހުރިހާ ބާރެއް "މާލޭގެ ފިނިކުރި ކޮޓަރި"ތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އަގު ކަނޑައަޅައި އެމްއާރްޑީސީން އަގުނެގުމަށް ރެޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ އިރު ކުނި ނަގަން އެމްއާރްޑީސީން ނިންމި އަގު ބޮޑުކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. އެކަމަކު އެ ޝަކުވާ އަޑުއަހާނެ ބަޔަކު ނެތެވެ.