Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

އެމްއާރްޑީސީން ކުނީގެ އަގު ނަގަނީ ހުއްދަ ނެތި

ކުނި ނެގުމަށް އެމްއާރްޑީސީން ކަނޑައަޅާފައިވާ އަގަކީ، އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސޯ (އީޕީއޭ)އިން ފާސްކޮށް ހުއްދަދީފައިވާ އަގެއް ނޫންކަމަށް އީޕީއޭއިން ބުނެފިއެވެ.

އިީޕީއޭގެ ޑިރެކްޓަރ އިބްރާހިމް ނައީމް "އައްޑޫލައިވް"އަށް ވިދާޅުވީ، އައްޑޫގެ އަވަށްތަކުން، ކުނި ނެގުމަށް ނަގަން ޖެހޭ އަގު އީޕީއޭއިން އަދި މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންވެ، މިހާރު އެމްއާރްޑީސީން އަގު ނަގަނީ ކޮން ގޮތަކަށް ލިބުނު ހުއްދައަކުން ކަމެއް ދަންނަވަން ނޭގޭ ކަމަށެވެ.

ކުނި މެނޭޖްކުރުމުގެ ގަވާއިދުގައިވާ ގޮތުން، ކުނި ނަގާ އަގު ކަނޑައަޅައި، ކުނީގެ ކަންކަން ރެގިއުލޭޓް ކުރާނީ އީޕީއޭއިންނެވެ.

ނައީމް ވިދާޅުވީ، ދާދި ފަހުން އައްޑޫއަށް ކުރި ޒިޔާރަތުގައި، ކުނީގެ ކަންކަން އީޕީއޭއިން ބެލިކަމަށެވެ.

"އައްޑޫގައި ކުނީގެ މައްސަލަ މިހާރު އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި، ހުރިހާ ދިމާލަކަށް ކުނި އަޅައި، މުޅި އައްޑޫ އޮތީ "ކުނި"ވެފައި" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އެމްއާރްޑީސީން އަދި މިހާތަނަށް އައްޑޫގައި ކުނި ނެގުމަށް އަގު ކަނޑައެޅުމަށް އެއިދާރާ އާއި އެކު މަޝްވަރާކޮށް، ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
kuni

އެމްއާރްޑީސީން ކުނި ނަގަން އަގު ކަނޑައަޅައި މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގެތައް ރަޖިސްޓްރީ ކުރަމުން އަންނަ އިރު، ކުނި ނަގާ އަގު ބޮޑުކަމަށް އެންމެން ވަނީ ދަނީ ބުނަމުންނެވެ.

އެމްއާރްޑީސީން ކުނީގެ ކަންކަން ހަރުދަނާ ގޮތަކަށް މިހާތަނަށް ވެސް ނުކުރެވި އޮވެ، ބޮޑު އަގެއްގައި ކުނިނަގަން ފެށިނަމަވެސް އެކަން ހަރުދަނާ ގޮތެއްގައި ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ޝައްކު ކުރެއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ، ކުނިނެގުމަށް އެމްއާރްޑީސީން ކަނޑައެޅީ ރައްޔިތުންނާއި ނުބައްދަލު އަގެއް ކަމަށެވެ. އަދި މިއަގުގެ ސަބަބުން ކުނީގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.

އެމްއާރްޑީސީން ހަވާލުވެފައިވާ، ހިތަދޫ ކައިށިބެހާ ސަރަހައްދުގައި ކައުންސިލުން ބަހައްޓާފައިވާ ޑަސްބިންތައް އަދިވެސް ހުކްކުރެވިފައި ނުވާއިރު، މިއިން އެކަނިވެސް އެމްއަރްޑީސީއަށް ކުނި މެނޭޖް ނުކުރެވޭނެކަން ސާބިތުވާކަމަށް ހިތަދޫގެ ރައްޔިތުން ބުނެއެވެ.