ދިވެހި ލީގުގެ ބޮޑު ބާރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ރާއްޖޭގެ ހަތަރު ރަށެއްގައި ފުޓުބޯޅަ އެކެޑަމީ ފެށުމަށް ނިންމައި މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ކުލަބުން ބާއްވާފައިވާ ހަފްލާއެއްގައި އެކެޑަމީގެ މަސައްކަތް ފެށުމަށް ސޮއިކޮށްފައިވާ ރަށްތަކަކީ ހދ. ނޮޅިވަރަމް، ރ. ދުވާފަރު، ނ. ހޮޅުދޫ އަދި ބ.ތުޅާދޫއެވެ.
މިހަތަރު ރަށުގެ އިންވެސްޓަރުންނާއި ކުލަބާއި ދެމެދު ނިންމަންޖެހޭ އެންމެހާ އެއްބަސްވުންތަކެއް މިހާރު ނިމިފައިވާކަމަށާއި އަންނަ ހަފްތާގައި ހަތަރު ރަށުގައިވެސް އެކަޑަމީތަކުގެ މަސައްކަތް ފެށޭނެ ކަމަށް މާޒިޔާއިން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި މާޒިޔާއިން ވަނީ ކުރިއަށް އޮތް ދެއަހަރަށް ކުލަބުގެ އެކެޑެމީތަކުގެ މެއިން ސްޕޮންސަރުގެ ގޮތުގައި އެލް މޮބައިލް ހަމަޖައްސައި އެފަރާތާ ކުލަބާދެމެދުގައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޒިޔާގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު ވަނީ މިއީ ރަށްތަކުގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމުގައިއާއި ބެލެނިވެރިންނަށް ފުޓުބޯޅައިގެ ހުނަރު ލިބިފައިވާ އަދި ކުޅިވަރު ކުޅޭ ހިތްވާ ކުދިން އެކެޑެމީގައި ބައިވެރިކުރުވުމަށް އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ މަޝްހޫރު ބޮޑެތި ހުރިހާ ފުޓުބޯޅަ ކުލަބުތަކުގައިވެސް އެކެޑަމީތަކަކީ ކުލަބުތަކުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. މިއަދުގެ ކުޑަކުދިން މާދަމާގެ ބޮޑެތި ޓީމުތަކާއި ގައުމީ ފުޓުބޯޅައިގައި ވިދާލާނީ މިއަދު އެކެޑަމީތަކުން ކުރާ މަސައްކަތުންނެވެ.
މިފަދަ އެކަޑަމީއެއް މީގެ ކުރިން އައްޑޫ ސިޓީގެ ހިތަދޫގައި ކުރީގެ ގައުމީ ޓީމު އަދި ނިއުރޭޑިއަންޓާއި، ވީބީ އައްޑޫއެފްސީ އަށް ކުޅުނު ޝަމްވީލް ގާސިމް(ބޮންޑާ) ވެސް ކުރިއަށްގެންދިޔައެވެ. ނަމަވެސް ބޮންޑާގެ މަސައްކަތަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ އޭނާއަށް އެކަން ކުރިއަށް ގެންދެވިފައެއްނުވެއެވެ.