މެންޗެސްޓާ ޔުނައިޓެޑުގެ ޓާގެޓް ޕައުލް ޕޮގްބާއަށް 100 މިލިޔަން ޕައުންޑު ހައްގު ނޫންކަމަށާއި އެއީ 'މޮޔަ' ކަމެއް ކަމުގައި އާސެނަލް އަދި ލިވަޕޫލްގެ ކޯޗުންގެ ފާޑުކިޔުންތަކަށް މޮރީނިއޯ ރައްދުދީފިއެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ މި ޓްރާންސްފާއަކީ އޭނާ ހައިރާންވާފަދަ އަގެއް ކިޔާފައިވާ ޓްރާންސްފާއެއް ކަމުގައި ބުނެފައެވެ. އަދި އެހާ ގިނަ ލާރި އެއް ކުޅުންތެރިޔަކަށް ހޭދަ ކުރުމަކީ ވަރަށް ބޮޑު މޮޔަކަމެއް ކަމުގައި ބުނެ އޭނާ ވަނީ ޔުނައިޓެޑަށް ފާޑުކިޔާފައެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ އެއީ އޭނާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ދެކޭގޮތުގައި އަގު ބޮޑުކޮށް ކުޅުންތެރިން ގަތުމަކީ ފުޓުބޯޅަ ހަލާކު ކުރުމެވެ. އޭނާގެ ފިލޯސޮފީއަކީ ޒުވާން ކުޅުންތެރިން ގެނެސް ވަރުގަދަ ޓީމެއް ބިނާކުރުމެވެ.
ކޮމިއުނިޓީ ޝީލްޑުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް މޮރީނިއޯ ބުނެފައިވަނީ އޭނާއަށް ވެންގާ އަދި ކްލޮޕްގެ ފާޑުކިޔުންތައް އަމާޒުވެފައިވާކަން އެނގޭ ކަމަށާއި ނަމަވެސް އެއީ ބުނަން އެންމެ ރަނގަޅު ބަސްތަކެއް ނޫންކަމަށެވެ.
"އެހެން ކޯޗުތަކުން ވެސް ޓްރާންސްފާ ސީޒަންތަކުގައި ކުޅުންތެރިން ގަނެ ވިއްކާ ހަދާ. އެމީހުން ގަންނަ ކުޅުންތެރިންނާއި އެމީހުންގެ އަގުތަކަކީ އަހަރެން ބަސް ކިޔާ ކަންތަކެއް ނޫން. އެމީހުން ކުރި ކޮމެންޓުތަކަކީ ރަނގަޅު ކޮމެންޓުތަކެއް ނޫން." މޮރީނިއޯ ބުނެފައިވެއެވެ.
ދުނިޔޭގެ ރިކޯޑު ފީ އަކަށް ޔުވެންޓަސް އިން ޕޮގްބާ ގަންނަން އުޅޭ އިރު އެ ޚަބަރު އެކި ފަރާތްތަކުން ވަނީ މީގެ ކުރިން އެކިގޮތްގޮތަށް ދައްކާފައެވެ. އެއްބަޔަކު ތެދުކޮށް، އަނެއް ބަޔަކު އެއީ ވާން އުޅޭ ކަމެއް ނޫންކަމުގައި ބުނަމުންދާއިރު މޮރީނިއޯގެ މިބަސްމަގުން އެއީ ދުރަށް ވުރެ ކައިރީގައި އޮތްކަމެއް ކަން ސާބިތުވެއެވެ.
އިނގިރޭސި މީޑިޔާތަކުން މިހަފްތާގައި ޕޮގްބާ ޔުނައިޓެޑަށް ސޮއިކުރާނެ ކަމަށާއި، އެއީ މޮރީނިއޯގެ މިފަހަރުގެ ފަހު ޓްރާންސްފާ ކަމުގައި ދަނީ ޚަބަރު ފަތުރަމުންނެވެ.