Last Updated: June 28, 13:55
Sunday, June 28, 2026
ސިޔާސީ

ރައީސް ޔާމީނަކީ ގޮތް ދޫނުކުރާ ވެރިއެއް: މުސްތަފާ

ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ހަރުކަށި ވިސްނުންފުޅެއް ގެންގުޅުއްވާ ގޮތްދޫނުކުރައްވާ ރައީސެއް ކަމަށް އެމަނިކުފާނުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ތިމަރަފުށީ މުސްތަފާ ތުހުމަތުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، އަބުރުގެ ބިލުގެ ސަބަބުން ޤާނޫނު އަސާސީއިން އެންމެ ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އިންތިހާއަށް ހުރަސް އަޅާފައިވާ ކަމަށާއި އެއީ މަޖިލީހަށް އެންމެ ފުރަތަމަ ހުށައެޅިގެންވެސް ވާނެ ބިލެއް ނޫން ކަމަށް މުސްތަފާ ވަނީ ރާއްޖެ ޓީވީއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ބުނެފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި މަޖިލިހަށް އިންތިޚާބު ވެގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީ ބަދަލުކުރައްވައި ރައީސް ޔާމީނާ އެއްކޮޅަށް އެރުއްވި މުސްތަފާ ވަނީ މީގެ ކުރިންވެސް އޭނާއަށް އެ ބިލަކުން ރައްޔިތުންނަށް މަންފާ ނުކުރާ ބިލެއް މަޖިލިހަށް ހުށައެޅުއްވުމުން އެއަށް ފާޑުކިޔާފައެވެ.

އެންމެ ފަހަކަށް ހުށައެޅުނު އަބުރުގެ ބިލުގެ ސަބަބުން މުސްތަފާވަނީ ކުރިއަށްވުރެ ބޮޑަށް އެބޭފުޅާގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރައްވައި ޕީޕީއެމްގެ ޕީޖީ މެމްބަރުންގެ ވައިބާ ގްރޫޕުގައި ބިލަށް ފާޑުކިޔާފައެވެ. ނަތީޖާއަކަށްވީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އެބޭފުޅާ ވައިބާ ގްރޫޕުން ބޭރުކޮށްލެއްވުމެވެ.

މިކަމާ ގުޅިގެން މުސްތަފާވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެންމަނިކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ވިއަސް މިޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވާ މެމްބަރަކު ޚިޔާލު ފާޅުކުރުމުގެ ސަބަބުން ބޭރުކޮށް ނުލެވޭނެ ކަމަށް މުސްތަފާ ވަނީ ފާހަގަކޮށްފައެވެ.

ނިހާންގެ އިތުރުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށްވެސް މުސްތަފާގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ރައީސް ޔާމީން އެމަނިކުފާނުގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަވާ ކަމަށް ތުހުމަތުކޮށް ހުރިހާ މެމްބަރުންވެސް ތިބެނީ ރައީސް ޔާމީނުދެކެ ބިރުން 'ފިތް ކެނޑޭ' ހާލުގައި ކަމަށް މުސްތަފާ ވަނީ އިތުރުކޮށްފައެވެ.

އަދި އަބުރުގެ ބިލު ފާސްކޮށްފިނަމަ ރައީސް ޔާމީނުގެ ވެރިކަން ވެއްޓޭނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"އަޅުގަނޑު މި ބުނަނީ މި ބިލް ފާސްވެއްޖެ ނަމަ ރައީސް ޔާމީންގެ ސަރުކާރު ފެންމަތީ ދެމި ނޯންނާނެ. މި ހަމަ ނޯންނާނެ ފެންމަތީގައި. އަޅުގަނޑުމެންނަށް ހަމަ އެނގިގެން މި ބުނަނީ ފެންމަތީގައި ނޯންނާނެއޭ. މުޅި ދުނިޔެ ނުގަބޫލު، ރާއްޖޭގެ ރައްޔިތުން ނުގަބޫލު، މެމްބަރުން ތިބީ ބިރުގެންފަ ތިބި ބައެއް، ބިރެއްގެ ތެރޭގައި ތިބި ބަޔަކަށްވާނީ ކަނޑިއެއް ދައްކާފައި، ކޮންމެ އެއްޗެއް ދައްކާފަވެސް އަމިއްލައަށް ގަތުލުކޮށްލާށޭ ބުނެފިއްޔާ ގަތުލުކޮށްލާނެ. އެ ހާލުގައި ތިބި ބައެއް މެމްބަރުންނަކީ. އަބަދު މީހުނަނަށް ތްރެޓްކޮށްގެން ބިރުދައްކައިގެން ކިހިނެއްތޯ ގެންގުޅޭނީ" މުސްތަފާ ވިދާޅުވި އެވެ.