Last Updated: June 28, 13:55
Sunday, June 28, 2026
ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން އަދި އެފްއޭ ކަޕުގެ ޗެމްޕިއަން ބައްދަލުކުރާ މެޗު، ކޮމިއުނިޓީ ޝީލްޑް ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑު މެޗު ކާމިޔާބުކޮށްފައިވަނީ 1-2 އިންނެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި ދެޓީމުންވެސް ފެނިފައިވަނީ ހަމަހަމަ ކުޅުމެކެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑު ކުޅެފައިވާއިރު ލެސްޓާ ވަނީ ކައުންޓާގައި ވަރުގަދަކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލު 32 ވަނަ މިނެޓުގައި ލެސްޓާގެ ހަތަރު ޑިފެންޑަރުން ގައިން ނައްޓާލައިގެން ގޮސް ޖަހާފައިވަނީ ޖެސީ ލިންގާޑެވެ.

ލިންގާޑުގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވާއިރު ދެވަނަ ހާފުގައި ލެސްޓާގެ ގޯލު ޖަހާފައިވަނީ ޖޭމީ ވާޑީއެވެ. ވާޑީ ގޯލު ޖަހާފައިވަނީ ފެލައިނީ ހެދި ގޯހެއްގެ ބޭނުން ހިފައިގެންނެވެ.
77192B5618E2408B8EFFE9BF4C26E72C
މެޗުގެ ލީޑު 84 ވަނަ މިނެޓުގައި ނަގާފައިވަނީ އިބްރަހިމޮވިޗެވެ. މެޗު ފެށުމުގެ ކުރިންވެސް އޭނާ ވަނީ މި މެޗަކީ ކާމިޔާބުކުރަން ބޭނުން މެޗެއް ކަމުގައި ބުނެފައެވެ. އެންމެ މެޗަކުން ޓްރޮފީއެއް ހާސިލުވާ މެޗަކަށް ވުމާއެކު އޭނާ ޔުނައިޓެޑަށް އައީވެސް ޓްރޮފީ ހޯދުމަށް ކަމަށް އިބްރާ ވަނީ ތަކުރާރުކޮށްފައެވެ.

މެޗުގައި ޔުުނައިޓެޑުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވަނީ އަލަށް ގުޅުނު ޑިފެންޑަރު އެރިކް ބެއިލީގެ ފަރާތުންނެވެ. ލެސްޓާ އިން ރިޔާދު މަހުރޭޒުގެ އިތުރުން އަލަށް ޓީމާއި ގުޅުނު އަހުމަދު މޫސާ ވަނީ ވިދާލާފައެވެ.

ދެޓީމުގެ ކުޅުމާއެކު ސަޕޯޓަރުން ތިބީ އާ ސީޒަން ފެށުމަށް ކެތް މަދުވެފައެވެ. މެންޗެސްޓާ ޔުނައިޓެޑުން މެޗު ފެށުމުގެ ކުރިން ޕޮގްބާ ޓީމާއި ގުޅޭނެކަން ކަށަވަރުކޮށްދީފައިވާއިރު ޔުނައިޓެޑުގެ ސަޕޯޓަރުން ތިބީ ޕޮގްބާގެ އެނބުރި އައުމަށްވެސް ކެތް މަދުވެފައެވެ.

މިއީ ޔުނައިޓެޑް މި ޓްރޮފީ އުފުލާލީ 21 ވަނަ ފަހަރެވެ.