އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާ ގުޅިގެން ސަރުކާރު ނިސްބަތްވާ ކޯލިޝަން ތެރޭގައި ބޮޑެތި މައްސަލަ ޖެހި، މެމްބަރުން ބައިބައިވެފައިވަނިކޮށް އެއް މެމްބަރަކު ވަރަށް 'މޮޅު' ބަހެއް ވިދާޅުވެލައްވައިފިއެވެ.
ދަނގެތީ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރައްވަން މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އިލްހާމްގެ ބަސްފުޅު ވަނީ އެހެން މެމްބަރުންނާއި ތަފާތުވެފައެވެ.
"ބިރު ދައްކަން ނޫޅުއްވާ. އަމިއްލަ ނަފްސަށް ފެންނަ ގޮތަކަށް ވޯޓް ދޭނީ. އޭރުވެސް ނުގަނޭ ބިރެއް މިހާރުވެސް ނުގަންނާނެ. އަބުރު ހިމާޔަތް ކުރަން ޖެހޭ" ރޭގެ ވަގުތެއްގައި އިއްޒަތްތެރި މެމްބަރު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުން ތަމްސީލު ކުރުމުގެ ނަމުގައި މަޖިލީހަށް ހޮވި، މަޖިލީހަށް ހާޒިރުވިޔަސް ނުވިޔަސް، ރައްޔިތުންގެ ހައްގުގައި ބަހެއް ބުންޏަސް ނުބުންޏަސް، ކޮންމެ މަހަކު ލައްކައަކާއި ކައިރިކުރާ މުސާރައެއް ނަންގަވައިގެން ތިއްބަވާ އިއްޒަތްތެރި މެމްބަރުންގެ ބަސްމަގު ހުންނަނީ މިފަދަގޮތަކަށެވެ.
ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާގޮތަށް ހުށައަޅާފައިވާ މިބިލުގެ ސަބަބުން ރައްޔިތުން ދަނީ އެ މީހަކު ނިސްބަތްވާ ދާއިރާގެ މެމްބަރެއްގެ ކައިރިން ވަރަށް އިޚުލާސްތެރިކަމާއެކު މިބިލަށް ވޯޓު ނުދިނުމަށް ގޮވާލަމުންނެވެ.
ބައެއް މެމްބަރުން އިޚުލާސްތެރި ކަމާއެކު ޖަވާބުދެމުންދާއިރު ބައެއް މެމްބަރުން ހިތަށް ހަމަ އެކައްޗެކޭވެސް ނާރައެވެ.
އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް މިއަދު އަމިއްލަ ނަފްސާއި ކޮށްލަންވީ ސުވާލަކީ، ގާނޫނު އަސާސީގައި ކަނޑައެޅިގެން ކޮންމެ ރައްޔިތަކަށް ދީފައިވާ ޙައްގެއް، ބަޔަކު މީހުންގެ އަމިއްލަ ނަފްސު ހިމާޔަތްކުރުމަށްޓަކައި، ހަނިކުރުމަށް ވޯޓު ދޭ މެމްބަރަށް އަނެއްކާވެސް ތިން އަހަރު ފަހުން ވޯޓު ހޯދަން އައުމުން ހަމަ ހެވިލާފަ ވޯޓު ދޭނަންތޯ؟