ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕް ނެރެފިއެވެ.
ގާނޫނު އަސާސީ އިން ރައްޔިތުންނަށް ދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސީދާ ގޮތުން ހުރަސް އެޅިފައިވާ މިބިލާ ދެކޮޅަށް އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓު ދިނުމަށް މިއަދު ވަނީ ތުރީ ލައިން ވިޕް ނެރެފައިވާ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިނިންމުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މާރިޔާ ދީދީ ވަނީ މިބިލަކީ ގާނޫނީ ގޮތުން އެއްވެސް ހަމައެއް ނެތި ހުށައަޅާފައިވާ ބިލެއް ކަން ފާހަގަ ކޮށްފައެވެ.
ޚިޔާލު ފާޅުކުރުން ހަނިކުރުމަށް ހުށައެޅުނު ބިލަށް ޕީޕީއެމްގެ %98 ތާއީދު ލިބިފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު ވަނީ ވިދާޅުވެފައެވެ.
ބިލާ ދެކޮޅަށް ފާޅުގައި ބަސް ބުނެފައިވާ ޕީޕީއެމް މެމްބަރުންނަކީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕު ގައި ބިލާ ދެކޮޅަށް ވާހަކަދައްކުމުން ޕީގީ ލީޑަރު ނިހާން ވަނީ މުސްތަފާ ގްރޫޕުން ބޭރުކޮށްލާފައެވެ. ފާރިސް މައުމޫން ވަނީ ވައިބާ ގްރޫޕުން މާކުރިންވެސް ބޭރުކޮށްލައްވާފައެވެ.