Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ހޭ އަރާނީ 21 ވަނަ މާއްދާ ވެސް ނިގުޅައި ގަތުމުން

" ބަލަ އަބުރުގެ ބިލަށް ތާޢީދުކުރުމަކީ އަހަރުމެންގެ ޚިޔާލު. ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން. ކޯޗެކޭ ކިޔާ މޮޔަ ބައެއްތަ؟ ކަލޭމެން ތަރައްޤީ އާއި ދެކޮޅު ނަހަދާ"

މިއީ ފޭސްބުކް ސްޓޭޓަސްގައި އިއްޔެ ރައްޓެއްސަކު ލިޔެފައި އޮތް ލިޔުމެކެވެ. ލިޔުންކޮޅު ކިޔާފައި ފުރަތަމަ އައީ ހިންޏެވެ. އެހެން ނަމަވެސް ދެން ބޭނުންވީ، އޭނާއަށް ކަމުގެ ހަގީގަތް ވިސްނައިދެވޭތޯ މަސައްކަތް ކުރުމަށެވެ. އެކަން ކާމިޔާބު ވިއެވެ. އެހެން ނަމަވެސް އޭނާގެ ޖަވާބަކަށްވީ "ވަޒީފާ ގެއްލިއްޖަ ނަމަ ބްރޯ އަހަރެން ކުރާނީ ކީއް ހެއްޔެވެ؟

މިއީ ރާއްޖޭގެ ކަންކޮޅުތަކުގައި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް "ތާޢީދު"ކޮށް ޝުއޫރުފާޅުކުރި ގިނަ ރައްޔިތުންގެ ކަންތައް ހުރި ގޮތެވެ. ސިޔާސީ ކޮންމެވެސް މީހަކަށް ހެއްލިގެން ޕޯސްޓަރެއް ހިގައިގެން ހުރެ ތިމާއަށް ކުރެވުނީ ކީއްކަން ނޭނގެއެވެ.

އަބުރުގެ ބިލަށް ތާޢީދު ކުރުމަކީ ތިމާގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ބުނާއިރު އެ ބިލް ފާސްވެއްޖެ ނަމަ ދެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެގެންދާ ގޮތް ގިނަ މީހުންނަކަށް ވަޒަން ވެސް ނުކުރެވެނީއެވެ.

އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ވިސްނިފައި އޮންނަ ގޮތަކީ، ކަމެއް ވާއިރަށް ދުވަން ޖެހެނީ ސިޔާސީ މީހުންގެ ފަހަތުން ކަމަށެވެ. އެމީހުންގެ "ހެޔޮފުޅުކަމުން" ނޫނީ އެއްވެސް ކަމެއް ނުވާނެ ކަމަށް ޤަބޫލުކުރެވެނީއެވެ. ކޮރަޕްޝަން ނައްތާލަން ވާހަކަ ދައްކާ ރައްޔިތު މީހާ ވެސް ސިޔާސީ މީހުންގެ ކައިރިން އެދެނީ ކޮރަޕްޝަންގެ ޢަމަލެއް ހިންގައިގެން ނަމަވެސް ތިމާ ބޭނުން ކަމެއް ކުރެވޭތޯއެވެ.

ތިމާއަށް ގެއްލުމެއް ނުލިބޭ ނަމަ ނުވަތަ ތިމާއަށް މަންފާއެއް ލިބޭ ނަމަ އެއްވެސް ކަމަކީ ކޮރަޕްޝަނެއް ނޫނެވެ. އަދި އެއީ ބޭއިންސާފެއް ވެސް ނޫނެވެ. އެއީ އަނިޔާވެރިވުމެއް ވެސް ނޫނެވެ. ލޯ ހުޅުވި ވާނުވާ އެނގެނީ، ތިމާ އަމިއްލައަށް ބޭއިންސާފް ތަޙައްމަލް ކުރަން ޖެހޭ ހިސާބުންނެވެ. ތިމާގެ އާއިލާގެ މީހެއްގެ ޙައްޤު ނިގުޅައިގަތުމުންނެވެ. އޭރު ގިނަ ފަހަރަށް އޮންނަނީ ވަގުތު ފާއިތުވެފައެވެ.

މިސާލަކަށް އަބުރުގެ ބިލަށް ތާޢީދުކޮށް މިއަދު ވާހަކަ ދައްކާ ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ބޭއިންސާފް ތަޙައްމަލް ކުރަން ނުޖެހޭނެ ކަމުގެ އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ؟

ރާއްޖޭގައި ބޭއިންސާފު އާންމުވެފައިވާ މިންވަރަށް ބަލާއިރު ތިމަންނާއަށް ރައްކާތެރިކަމެއް ލިބިދާނެ ކަމުގެ ގެރެންޓީ ޚުދު މަޖިލިސް މެންބަރުންނަަކަށް ވެސް ނޯންނާއެވެ. އާރާއި ބާރުގައި ތިއްބެވި ބޮޑު ވަޒީރުންނާއި ހިސާބުން ފެށިގެން ބޭއިންސާފް ތަޙައްމަލް ކުރަން ޖެހިފައިވުމަކީ އޭގެ މިސާލެކެވެ. މިއީ ސިޔާސީ މީހުންގެ ވާހަކައަށް ހެއްލިގެން ތިމާ އަމިއްލަ ބުއްދިން ވިސްނާ ފިކުރު ކުރުމަކީ ކޮންމެ ރައްޔިތަކު ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި އަބުރުގެ ބިލަށް އެއްވެސް ރައްޔިތަކު އޭގެ ހަގީގަތް އެނގިހުރެ ތާޢީދު ކުރާނެ ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

"ގިނަ މީހުންނަށް ނޭނގެނީ، ޓްވީޓަކުން ގޮޅިއަށް ދާން ކާކުތޯ ބޭނުންވަނީ. ބިލް ބައްލަވާ ލައްވާ. މިއީ ހަމައެކަނި އަބުރާ ބެހޭ ވާހަކަ އޮތް ބިލެއް ނޫން. ޚިޔާލުފާޅުކުރުމުގެ ހައްޤު ނިގުޅައިގަންނަ ވާހަކަ މިދައްކަނީ. މާދަމާ ރައްޔިތު މީހާއަށް ބޭއިންސާފުން ކަމެއްވީމާ އެވާހަކަ ނުދެއްކޭނެ މި ބިލް ފާސްވެގެން"

ކަނު ބަނދެވިގެން ތިބެ ސިޔާސީ މީހުންގެ ބަހަށް ހެއްލިގެން ތިއްބައި ފަހަރަކު ޙައްޤެއް ނިގުޅައިގަނެވެނީއެވެ. އެކަމުގެ ހޭވެރިކަން އެއްބަޔަކަށް ވާނީ، ޤާނޫނު އަސާސީގެ 21 ވަނަ މާއްދާގައި ބުނެފައިވާ 'ދިރިހުރުމުގެ ޙައްޤު" ނިގުޅައިގަތުމުން ނޫންކަމެއް ނޭނގެއެވެ.