މެންޗެސްޓާ ޔުނައިޓެޑް ދުނިޔޭގެ ރިކޯޑު އަގަކަށް ޔުވެންޓަސްގެ ޕައުލް ޕޮގްބާ އެޓީމަށް އަނބުރާ ގެނެސްފި އެވެ.
ރޭގެ ވަގުތެއްގައި ޔުނައިޓެޑުގެ ސޯޝަލް މީޑިޔާތަކުން ޕޮގްބާގެ އެނބުރިއައުން ކަށަވަރުކޮށް ދީފި އެވެ.
23 އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އޯލްޑް ޓްރެފޮޑް އަށް އެނބުރި އައިސްފައިވަނީ 89 މިލިޔަން ޕައުންޑުގެ ރިކޯޑު އަގަކަށެވެ. ދެ ޓީމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި މި އަގު މެންޗެސްޓާ ޔުނައިޓެޑުން އަދާ ކުރަން ޖެހޭނީ 2 އަހަރު ދުވަހުގެ ތެރޭގައެވެ.
މީގެ 4 އަހަރު ކުރިން ޕޮގްބާ ޔުނައިޓެޑު ދޫކޮށް ދިޔައީ ކުޑަ ކުއްޖެއްގެ ގޮތުގައެވެ. އޭނާ ޔުނައިޓެޑާއި ގުޅިގެން ދިން ފުރަތަމަ އިންޓަވިއުގައި ބުނެފައިވަނީ މިހާރު އޭނާ އެނބުރި އައިސްފައިވަނީ ތަޖުރިބާ ލިބިފައިވާ ބޮޑު މީހެއްގެ ގޮތުގައި ކަމަށެވެ.
"އަހަރެން ޔުނައިޓެޑު ދޫކޮށް ދިޔަ ނަމަވެސް އަހަރެންގެ ހިތުގައި އަބަދުވެސް ޔުނައިޓެޑު އޮވޭ. ކުޑަ ކުއްޖެއްގެ ގޮތުގައި އަހަރެން ކުލަބު ދޫކޮށް ގޮސްފައި، މިހާރު ވަނީ ފުދޭވަރަކަށް މުހިއްމު މެޗު ކުޅެވި، ބޭނުންވާ ތަޖުރިބާވެސް ލިބިފައި. އަހަރެން ވަރަށް އުފާވޭ އެނބުރި އާދެވުނީތީ." ޕޮގްބާ އެމްޔޫ ޓީވީ އަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.
ގިނަ ދުވަސްތަކެއްގެ ކެތް ކުރުމަށްފަހު މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް އެންމެ ފަހަކަށް ހުވަފެން ހަގީގަތަކަށް ވުމުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ސަޕޯޓަރުން ދަނީ އުފާ ފާޅުކުރަމުންނެވެ.
ކޮމިއުނިޓީ ޝީލްޑަށް ފަހު މޮރީނިއޯ ދިން އިންޓަވިއުގައި ޕޮގްބާ އަށް ތައުރީފުކޮށް ބުނެފައިވަނީ އަންގާރަ ދުވަހު އޭނާއަށް އިންތިޒާރު ކޮށްގެން ހުންނާނެކަމަށެވެ.