Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

އަބުރުގެ ބިލަކުން ރައްޔިތުންގެ މިނިވަންކަން ނިގުޅައިގެންފި

އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ސަރުކާރުން މަޖްލިސްއަށް ހުށަހެޅި ބިލް 47 މެމްބަރުންގެ ވޯޓާއި އެކު ފާސްކޮށް، ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ މިނިވަން ކަން ނިގުޅައިގެންފިއެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެއްކޮށް ނައްތާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލް މިއަދު ފާސްކުރީ ރޭ ކޮމެޓީ މަރުހަލާގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅި އިސްލާހުތަކާއިއެކުއެވެ.

vote

މިއަދުގެ މަޖިލީހުގައި ބިލާއި ދެކޮޅަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ރޭ އަލީ އާރިފް ހުށަހެޅި އިސްލާހްގައިވާ ގޮތުން އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް މީޑިއާތަކުންކޮށްފިނަމަ ކުރާ ޖޫރިމަނާ ދައްކައި ހަލާސް ނުކޮށްފިނަމަ އެ މީޑިއާއެއް ސަސްޕެންޑްކޮށް، ލައިސެންސް ބާޠިލް ކުރުމުގެ ބާރު ގާނޫނުން ލިބިދެއެވެ.

މިއަދު ފާސްކުރި ބިލާއި އެކު ކޯޓުތަކުގެ ހަބަރުތައް ދެން ނޫސްތަކުން ގެނެސްދެވޭނީ ކޯޓުތަކުންދޭ މައުލޫމާތު އެކަންޏެވެ. އަދި ލައިވްކޮށް ދައްކާ މަންޒަރުތަކާއި ގުޅުގެންވެސް މީޑިއާތަކާއި މެދު ފިޔަވަޅު އެޅޭނެއެވެ.

ރައްޔިތުންގެ މަޖްލިސްއިން މިއަދު ބިލް ފާސްކޮށްފައި މިވަނީ މަޖްލިސްގެ މެމްބަރުންގެ މައްޗަށް ބޮޑެތި ކަރަޕްޝަންގެ ތުހުމަތު ކުރެވޭ ދުވަސްވަރެއްގައެވެ. އެހެންވެ ބިލްގެ މަގްސަދަކީ އެވާހަކަ ހުއްޓުވުން ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.