ވާދަވެރި ކުޅުމަކަށްފަހު ރިއަލް މެޑްރިޑް ސެވީއާ ބަލިކޮށް ޔުއެފާ ސުޕަ ކަޕު 3 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. 2-3 ގެ ނަތީޖާއަކުން ރިއަލް މި މެޗު ކާމިޔާބުކޮށްފައިވާއިރު ރޭގެ މެޗުގައިވެސް މެޗު ނިމެން ކައިރިވެފައިވަނިކޮށް ރާމޮސް ވަނީ ގޯލެއް ޖަހާފައެވެ.
ޗެމްޕިއަން ރިއަލް މެޗުގެ ލީޑު ނަގާފައިވަނީ މާކޯ އެނޭސިއޯ ދުރުން ފޮނުވާލި ރޮކެޓް ހަމަލާއެއް ކާމިޔާބުކޮށްގެނެވެ. 21 ވަނަ މިނެޓުގައި މާކޯގެ ގޯލަށްފަހު ސެވީއާ އިން ވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް އެއްވަރުކޮށްފައެވެ. މިގޯލު ޖަހާފައިވަނީ ފްރާންކޯ ވަސްކުއޭޒްއެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ސެވީއާ އަށް ލިބުނު ޕެނަލްޓީއެއް ކްނޮޕްލިޔަންކާ ވަނީ ކާމިޔާބުކޮށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ސެވީއާއަށް ނަގާދީފައެވެ.
ރިއަލް އަށް އިތުރު ގޯލެއް ކާމިޔާބު ކުރެވުނަ ނުދީ ސެވީއާއިން ވަނީ މެޗުގެ ބާކީއޮތް ބައި ހިފަހައްްޓަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރިއަލްގެ ކެޕްޓަން ސާޖިއޯ ރާމޯސްވަނީ އަނެއްކާވެސް ފައިނަލެއްގެ 90 މިނެޓު ހަމަވާން ކައިރިވެފައިވަނިކޮށް އެއްވަރުކޮށްދީފައެވެ.
މެޗުގެ 90 ވަނަ މިނެޓުގައި ރާމޯސް މިފަހަރުވެސް ނަތީޖާ އެއްވަރުކޮށްފައިވަނީ ބޮލުން ޖެހި ގޯލަކުންނެވެ. މިގޯލާއެކު މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ޖެހުނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސެވީއާގެ ތިމޮތީ ކްލޮޒްޖެކް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައިވަނީ 90 މިނެޓުގައެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސެވީއާ ކޮޅަށް ރިއަލް ގޯލު ޖަހާފައިވަނީ އިތުރު ވަގުތުގެ ދެވަނަ ހާފުގެވެސް އެންމެ ފަހު މިނެޓުގައެވެ. ޑިފެންޑަރު ކަރްވަހާލްގެ ވަރަށް ފުރިހަމަ ގޯލަކާއެކު ރިއަލް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.