Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

ސިއެސްސީ އިމްތިހާނުގެ ދެވަނަ ބުރު ނޮވެމްބަރު މަހު

ދިވެހި ސިވިލް ސާވިސް ވަޒީތަކަށް ވަނުމަށް ދެވޭ އިމްތިހާންގެ 2016 ވަނަ އަހަރުގެ ދެ ވަނަ ބުރު، 14 ނޮވެމްބަރު 2016 ގައި ބޭއްވުމަށް ހަމަޖައްސާފައި ވާކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

'އައްޑޫ ލައިވް' އަށް މައުލޫމާތު ދެއްވަމުން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ އޮފިޝަލަކު ވިދާޅުވީ މި އިމްތިހާންގައި ބައިވެރިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޯގަސްޓް މަހުގެ 7 އިން ފެށިގެން 18 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މާލެއިން ނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގެޒެމިނޭޝަންސް އިން އަދި އަތޮޅުތެރެއިންނަމަ ޑީ.ޕީ.އީގެ ހުރިހާ އިމްތިހާން ސެންޓަރުތަކުން އިމްތިހާންގައި ބައިވެރިވުމަށް ބޭނުންވާ ފޯމް ލިބޭނެ ކަމަށް ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް އިން މައުލޫމާތު ދެއްވައެވެ.

މި ފަހަރުގެ އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މަދުވެގެން 10 ކެންޑިޑޭޓުން ހަމަވާ ހުރިހާ އޯލެވެލް ސެންޓަރުތަކުގައި.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އާއި ސިވިލް ސަރވިސް ކޮމިޝަން އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މި އިމްތިހާނަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ، ވަޒީފާއަށް ގާބިލް ފަރާތްތަކެއްތޯ ދެނެގަތުމުގެ މަގްސަދުގައި ބޭއްވޭ އިމްތިހާނެކެވެ.

މި އިމްތިހާންގެ މުގައްރަރު އެކުލެވިފައިވަނީ ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރުމަށް ބޭނުންވާ ދިވެހި ބަހާއި ލިޔުންތެރިކަމުގެ ހުނަރާއި، ހެޔޮގޮތުގައި މުއާމަލާތްކޮށް ރަނގަޅަށް މުވާސަލާތުކުރުމުގެ ހުނަރުތަކާއި އިދާރީ ހިންގުމާއި އެޕްޓިޓިއުޑްގެ ހުނަރު ވަޒަންކުރުމުގެ ބައިތަކުގެ މައްޗަށެވެ.

މި އިމްތިހާނަކީ ސިވިލް ސަރވިސް އަށް ވަނުމަށް އެދޭ ކޮންމެ ފަރާތަކުންވެސް ފުރިހަމަކުރަންޖެހޭ އިމްތިހާނެއްކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ކަނޑަނާޅާހާ ހިނދަކު ސިވިލް ސަރވިސް އަށް ވަނުމަށް އެދޭ އިމްތިހާނުން ފާސްވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ސެޓްފިކެޓްގެ ވެލިޑިޓީ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަނަމަ އިތުރު ޕޮއިންޓް ދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި އިމްތިހާނާއި ގުޅޭ އިތުރު މަޢުލޫމާތު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.