އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތް ބިލަށް ބޭރުގެ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އ.ދގެ ކައުންސިލްގެ ގާނޫނީ ވެރިކަމާއި ހަމަހަމަކަމާއި ތަފާތު ނުކުރުމާ ބެހޭ ގޮފީގެ ވެރިޔާ މޯނާ ރިޝްމާވީ އިއްޔެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިބިލު ފާސްކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައިވެއެވެ.
މޯނާ ރިޝްމީގެ ވާހަކަފުޅުގައި މިބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށައެޅުމުންވެސް އ.ދގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ބިލް އަނބުރާ ގެންދިއުމަށް ނަސޭހަތްތެރިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި އިއްޔެ ބިލު ފާސްކޮށް ގާނޫނަކަށް ހެދުމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުނޑާލާނެކަމަށް މޯނާ ވަނީ އިތުރުކޮށްފައެވެ.

އ.ދ ގެ އިތުރުން އެމެރިކާއިންވެސް ބިލާ ދެކޮޅަށް ވާހަކަދައްކައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބިލު ފާސްކުރުމާ ގުޅިގެން ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.
މީޑީޔާއާ ބެހޭ ބައިގެ ވެރިޔާ އެލިޒަބެތް ޓްރޫޑޯ ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައިވަނީ ކުށް ކުރެވޭނެތީއާއި ކުށްވެރިން ކުށަށް ޖަވާބުދާރިވުމަށެވެ. އެމައްސަލަތަކާމެދު މިނިވަން ޚިޔާލު ފާޅުކުރުމަކީ ހައްލު ކުރުމުގެ ފުރަތަމަ މަރުހަލާ ކަމުގައި ޓްރޫޑޯވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޑިމޮކްރަސީ ޅަފަތުގައި އޮތްވާ އިއްޔެ ފާސްކުރެވުނު ބިލާއެކު ޑިމޮކްރަސީގައި ތިން ފިޔަވަޅު އަނެއްކާވެސް ފަހަތަށް ގޮސްފައިވާކަން ސިޔާސީ ބޭފުޅުންވަނީ ތަކުރާރުކޮށް އެކި މުނާސަބަތުގައި ފާހަގަކޮށްފައެވެ.