Last Updated: May 17, 13:33
Friday, May 17, 2024
ޚަބަރު

100 އެނދުގެ ހޮސްޕިޓަލަށް ޕްރޮކިއުމަންޓް މެނޭޖަރެއް

އައްޑޫގައި ތަރައްގީ ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި މަސައްކަތް ކުރާނެ ޕްރޮކިއުމަންޓް މެނޭޖަރެއް ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސައުދީ ފަންޑް ފޮ ޑިވެލޮޕަމަންޓާއި އޮފިޑުގެ ލޯނު އެހީގެ ދަށުން އައްޑޫގައި ގާއިމު ކުރާ 100 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރަން މިހާރު ނިންމާފައި ވަނީ ހިތަދޫގައި ހުންނަ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގަ އެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ ޕްރޮކިއުމަންޓް މެނޭޖަރަކު ބޭނުން ވަނީ ޕްރޮޖެކްޓަށް ކޮންސަލްޓަންސީ ދިނުމާ އެކު ހޮސްޕިޓަލަށް ބޭނުންވާ އެންމެހައި ތަކެތި (އިކްވިޕްމަންޓް) ރާއްޖެއިންނާއި ރާއްޖޭން ބޭރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެ ތަކެތި ގަތުމާއި އަދި ހޮސްޕިޓަލުގައި ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާ އެކު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް މަސަކަތް ކުރިއަށް ގެންދަން ކަމަށެވެ.

އެހެންވެ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި މަގާމުގެ މުސާރައަކީ މަހަކު 2،000 ޑޮލަރެވެ. ކޮންސަލްޓެންސީގެ މުއްދަތަކީ އެއް އަހަރެވެ.

އެހެން ނަމަވެސް ޕްރޮޖެކްޓް ކުރިއަށްދާ ގޮތް ބެލުމަށް ފަހު ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތީން މުއްދަތު އިތުރު ކުރެވިދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.